ޚަބަރު

މެންބަރު ޝިޔާމް ކޮވިޑަށް ނައްސި، ސިއްޙީ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: އިދިކޮޅު ކޯލިޝަން

މަރްޔަމް ވަޙީދާ

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ގެ ސިއްޙީ ހާލުކޮޅު އަންނަނީ ރަނގަޅު ވަމުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހާމަ ކޮށްފިއެވެ.

މިކަން ހާމަ ކުރައްވާ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެންބަރު ޝިޔާމް މިއަދު މަޖިލިހުގައި ހުންނަވަނިކޮށް ބަލި ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭތީ އެ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވާ ކަމަށެވެ.

އެމްޕީ ޝިޔާމް ކޮވިޑް-19 އަށް ނައްސި ކަމަށާއި އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ދަންވަރު 1:30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލިހުގެ ތަޅުމުގައި އެމްޕީ ޝިޔާމް އަށް ދިން ހަމަލާއެއްގައި މައިބަދައަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެމަނިކުފާނަށް ސިއްޙީ އެތައް މައްސަލަ ތަކަކާއި ކުރިމަތިވަމުން އަންނަ ކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!