ޚަބަރު

ބީއޯސީއަށް ޖަމާކުރަން ގެންދަން އުޅުނު ފައިސާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް "ރޫޓް" ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމައްސަލައިގެ ތުހުމަތުގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރޫޓް ގެ 4.5 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ވީޑިއޯ އިން ފެންނަނީ ވޭނެއްގައި އައި ބަޔަކު ބީއޯސީ ކައިރިއަށް މަޑުކޮށްލުމުން، ހެލްމެޓެއް އަަޅައިގެން ސައިކަލުގައި އައި ބަޔަކު، ވޭނު ތެރެއިން ފައިސާ ފޮށިގަނޑު ނަގާ، ފޭރެން އުޅުނު މަންޒަރެވެ. ރޫޓުގެ މުވައްޒަފުން ގަޔަށް ފޭރެން އައި މީހުން ސްޕްރޭ ޖަހާ ތަން ވެސް ފެނެއެވެ. ކުރިން އެއީ ޕެޕަރ ސްޕްރޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް، އެއީ ބޮޑީ ސްޕްރޭކަން ފަހުން ވަނީ އެނގިފައެވެ.

ފޭރެން ދިޔަ މީހުންނަށް އެކަން ކާމިޔާބުނުވީ، ބީއޯސީގެ ސެކިއުރިޓީން އެވަގުތު އެމީހުން ހުއްޓުވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!