ޚަބަރު

އެންއައިސީގެ ރައީސަކަށް ގާސިމް އަބްދުލް ކަރީމް އައްޔަންކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސަކަށް ގާސިމް އަބްދުލް ކަރީމް އައްޔަން ކުރައްވައިފިއެވެ.

ބޭންކްގެ ވިސްލް ބްލޯވަރުގެ ނަމުން މަޝްހޫރުވެފައިވާ ގާސިމް އަބްދުލް ކަރީމް އެ ކޮމިޝަންގެ ރައީސް ކަމަށް ކަނޑައަޅުއްވާފައިވާ ކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް މިއަދު ފޮނުއްވާފައެވެ.

ގާސިމްވަނީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ހިމެނޭ ލިއެކިއުންތައް ލީކް ކޮށްލައިފައެވެ.އޭރު އޭނާ ހުރީ ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައެވެ. މިކަމާއި ގުޅިގެން ގާސިމް އަށް 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.

އެންއައިސީއަށް އައްޔަން ކުރުމުގެ ކުރިން، ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ އުފަން ނައިފަރު ދާއިރާއަށް ވާދަ ކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަ ކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ ޕްރައިމަރިން ފެއިލް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!