ކޮވިޑް-19: އުނގޫފާރުން ފައްސިވީ މީހާ މިހާރު ބައްޔަށް ނައްސި، ނަމަވެސް ރަށް އަދި މޮނީޓަރިންގައި!

ރ. އުނގޫފާރުން ކޮވިޑް-19 އަށް ފައްސިވީ މީހާ، މިހާރު އެބައްޔަށް ނައްސި ކަމަށް އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާއިން ދައްކައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބުނީ އުނގޫފާރުގައި ކޮވިޑަށް ފައްސިވީ މީހާގެ ސާމްޕަލް އިތުރަށް ޓެސްޓް ކުރުމަށްފަހު، އޭނަގެ ނަތީޖާ ނައްސި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް ހަދާ ރިސޯރޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން އައިސްފައިވާތީ، އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރިއަށް. ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަރވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިންގް ހާލަތުގައި" އެޗްއީއޯސީން ބުނެފައިވެއެވެ.
އުނގޫފާރުން ކޮވިޑަށް މީހަކު ފައްސިވެފައިވާކަން ހާމަވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. އެރަށް މޮނީޓަރިންގަށް ވެސް ލާފައިވަނީ ހަމަ އެރެއެވެ.
އެއަތޮޅު ރީޖަނަލް ހޮސްޕިޓަލު ވެސް ހުންނަނީ އުނގޫފާރުގައި ކަމަށްވާތީ، އެރަށަކީ، އެކި އަތޮޅުތަކުން ވެސް މީހުން ސިއްޙީ ބޭނުމަށް ދަތުރުކުރާ ރަށެކެވެ.