ޚަބަރު

ޕޯސްޓްމޯޓަމް ހަދަން ސިދުރަތުﷲގެ ހަށިގަނޑު ފޮނުވާލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗް ބޭރުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ އަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު އަންނަ ހަފުތާގެ ތެރޭގައި ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ސިދުރަތުﷲ ގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި އަދިވެސް އޭނާގެ ހަށިގަނޑު އޮތީ މޯޗަރީގައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ޕޯސްމޯޓަމް ހެދުމަށް ސިދުރަތުﷲ ގެ ހަށިގަނޑު ބޭރަށް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެފައި ވަނީ ކޮވިޑާއި ގުޅިގެން ކަމަށެވެ.

އައިޖީއެމްއެޗް ބޭރުން މޫދުގައި މަރުވެފައި އޮއްވާ އޭނަގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ 21 ވީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ވަނީ އޭނާގެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

އެގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެކަމާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ކަމަށް ބުނެ ފުލުހުން ވަނީ އެ ފަރާތްތަކުން ފުލުހުންގެ އިމަޖަންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.

ސިދުރަތުﷲގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް އައިޖީއެމްއެޗުން ވެސް ބުނެފައިވެއެވެ. އަދި އޭނާ މަރާލާފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!