ޚަބަރު

މަސްދޯނި ހައިޖެކް ކުރި މައްސަލައިގައި 16 މީހުން ހައްޔަރުކުރި، ކޯޓުން އެންމެންވެސް ވަނީ ދޫކޮށްލާފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ވަޑިނޮޅު ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު ހަތިޔާރާއެކު "ފަސްކުރި" ނަމަކަށް ކިޔާ މަސް ދޯންޏަށް ބަޔަކު އެރި މައްސަލައާއި ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރު ކުރި ކަމަށާއި ނަމަވެސް އެއެންމެން ވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިމައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އެހެންކަމުން އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕީޖީ އޮފީހުގައި މިހާރު އެދިފައިވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

"ފަސްކުރި" ދޯންޏަކީ މީގެ ދެ އަހަރު ކުރިން ލ.ގަމު މީހަކު ޔޮޓް ޓުއާސްއަށް 7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ދޯންޏެކެވެ.

އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެމުން އެ ދޯނީ ވިއްކި މީހާ ބުނެފައިވަނީ ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރިކަމާއި އެކު ދޯންޏަށް އަރައި، ދޯންޏާއި ހަވާލުވެފައިވާ ކަމަށެވެ. އަދި ދޯނި ހައިޖެކް ނުކުރާ ކަމަށް ވެސް އޭނާ ބުނެއެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިން ވަނީ އެވާހަކަ ދޮގު ކޮށްފައެވެ. ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 30 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސެއިން ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އިއްޔެ ވަނީ ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމަށް އަންގައި ވަގުތީ އަމުރެއް ވެސް ނެރެފައެވެ. މި އަމުރު ރައްދު ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!