މާތް ނަބިއްޔާ(ޞޢޥ)ގެ ކާޓޫނެއް ސްކޫލް ކުދިންތަކަކަށް ދެއްކި ބެލްޖިއަމް ޓީޗަރަކު ހައްޔަރުކޮށްފި
ކީރިތި ރަސޫލާ މުޙައްމަދު (ސޢވ) އަށް ޖޯކު ޖަހައި ފަރަންސޭސި ނޫހަކުން ކުރަހާފައިވާ ކާޓޫނެއް ބެލްޖިއަމްގެ ސްކޫލްކުދިން ތަކަކަށް ދެއްކި މުދައްރިސަކު ހައްޔަރުކޮށްފި އެވެ.
ބޭރު ރިޕޯޓުތަކުން ހާމަވާ ގޮތުގައި މި ޢަމަލު ހިންގި މުދައްރިސު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ކާޓޫނަކީ މީގެ ދެ އަހަރު ކުރިން ފަރަންސޭސި ނޫހެއްކަމަށްވާ "ޗާލީ ހެބްޑޫ" އިން ކީރިތި ރަސޫލާ(ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނެކެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމުދައްރިސު އެކާޓޫނުތައް ދައްކާފައި ވަނީ އުމުރުން 10 އަހަރާއި 11 އަހަރުގެ ދަރިވަރުން ތަކަށެވެ.
އެ މުދައްރިސްގެ މި އަމަލާ ގުޅިގެން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވަނީ އެކަން ދިފާއުކޮށްފައެވެ. ކީރިތި ރަސޫލާ (ސޢވ) އަށް ޖޯކުޖެހުމާއި ފުރައްސާރަ ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ވެސް އޭނާ ވަނީ ސިފަކޮށްފައެވެ.
މިކަމާއި ގުޅިގެން ތުރުކީގެ ރައީސް ވެސް ވަނީ ފަރަންސޭސި އުފެއްދުން ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން މުސްލިމުން ވަނީ ފަރަންސޭސިވިލާތާ ދެކޮޅަށް ތެދުވެ އެގައުމުގެ އުފެއްދުންތައް ބޮއިކަޓް ކުރަން ފަށާފައެވެ. އަދި އިސްލާމީ އެތައް ގައުމެއްގެ ފިހާރަތަކުން ވަނީ ފަރަންސޭސި އުފެއްދުންތައް ނަގައިފައެވެ. ފިހާރަތަކުގެ އިތުރުން އާންމުންގެ އަތުގައި ގެންގުޅޭ ފަރަންސޭސި އުފެއްދުންތައް އުކާލާ މަންޒަރުތައް ވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދެއެވެ.
މީގެ އިތުރުން ތުރުކީ ވިލާތާއި ގާޒާ އަދި ޕާކިސްތާނުގައި ވަނީ މިކަމާއި ގުޅިގެން މުޒާހަރާ ވެސް ކޮށްފައެވެ. މީގެ އިތުރުން ގިނަ ޤައުމުތަކުގައި ވަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ގޮވާލާ ސޯޝަލް މީޑިއާ ކެމްޕޭންތައް ވެސް ފަށާފައެވެ.