ޚަބަރު

ޒިނޭ ކުރުމުގެ އަދަބަކަށް ހައްދު ޖަހަން އޮންނަ މާއްދާ ބަދަލުކުރަން ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެނުން ގޮވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޒިނޭ ކުރާ މީހުންނަށް، ނުވަތަ ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ މީހުންގެ އަދަބަކަށް ހައްދު ޖަހަން ގާނޫނުގައި އޮންނަ މާއްދާ ބަދަލު ކުރަން ލާދީނީ ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ގޮވާލައިފިއެވެ.

Ads by MWSC

ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައި އޮންނަ އެ އަދަބު ބަދަލު ކުރުމަށް އެމްޑީއެނުން ކުރި ޓްވީޓެއްގައި ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތައް ވެސް ވަނީ ޓެގް ކޮށްފައެވެ.

މީގެ ކުރިން ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް ނެރުނު އެމްޑީއެން އިން ބޭނުން ވަނީ ލާދީނީ ދައުލަތްތަކުގައި އޮންނަ ގޮތަށް ކައިވެނީގެ ބޭރުން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ދަރިން ހޯދުން ހުއްދަ ކުރާށެވެ.

ގާނޫނުން އުގޫބާތުގައި ވާ ގޮތުގައި ކައިވެންޏެއް މަތީގައި ނުވާ މީހަކާ އެކު ޖިންސީ ގުޅުން ހިންގުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ޖުނަހްގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި ކުށްތައް ދަރަޖަކޮށްފައިވާއިރު ޖުނަހްގެ ދަރަޖަތަކުގެ ކުށްތަކަކީ ޖިނާއީ މެދު މިނުގެ ކުށްތަކެވެ.

ޤާނޫނުލްއުގޫބާތުގައި ވެސް މިއީ ބޮޑު ކުށަކަށްވާއިރު ޒިނޭ ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿68﴾ وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا
އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ.
[ އަލް ފުރުޤާން 68 ވަނަ އާޔަތް ]
﴿69﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ.
[ އަލް ފުރުޤާން 69 ވަނަ އާޔަތް ]

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!