އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އަނެއްކާ ވެސް ލުއިތަކެއް ދޭން ނިންމައިފި

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދު ކޮށްފައިވާ އިންޑިއާއަށް ދަތުރު ކުރުމުގައި ދިވެހިންނަށް އަނެއްކާ ވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއަށް ދަތުރު ކުރާ ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައި ވާކަމަށެވެ. އިންޑިއާއަށް ދަތުރު ކުރާ ވިޔަފާރިވެރިންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާފައެވެ.
މި ހުއްދަ ލިބޭނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސަފީރު ސަންޖޭ ސުދީރު އާ މިއަދު ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ވަނީ ލުއިތައް ދެވޭނެ އިތުރު ގޮތްތަކާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އިންޑިއާއިން ދިވެހިރާއްޖެއަށް ދިން ލުއި ތަކަށް މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާއި ހާރިޖީ ވަޒީރަށް ޝުކުރު އަދާ ކުރައްވާފައެވެ.