ބައެއް މީހުން ދުވަހަކު ވެސް ދަހެއް ނުވެއެވެ.
ކިތަންމެ ގިނަ ދުވަހު އެކީގައި އުޅުނަސް ބައެއް މީހުންނަކީ ދަސްވާނެ ބައެއް ނޫނެވެ. ސަބަބަކީ މަކަރުވެރިކަމުގެ ކުޅަދާނަކަމާއި ދެފުށް ދެގޮތް ކޮށްލުމުގެ ހުޝިޔާރުކަމެވެ. މީހުން ބުނާތީ އަހަރެން ވެސް އަޑުއަހަމެވެ. "މީހުން އެނގޭނީ އެއް އޮޑިން ދަތުރުކޮށްލީމައެވެ." ޒަމާނަށް އައި ބަދަލާއި އެކު އެޒަމާނުގައި އެއް އޮޑިން ދަތުރު ކުރީމާ މީހުން ދެނެގަނެވުނަސް މިޒަމާނުގައި އެއް އޮޑިން ދަތުރު ކުރުން ކީއްތޯ އެއްތަށިމަތިން ކެޔަސް މީހުން ދެނެގަތުމަކީ ދަތިކަމެކެވެ.
އެކީގައި ސާދަ ފަނަރަ އަހަރު އުޅޭ އިރު ވެސް މީހުން ދެނެ ނުގަނެވޭކަން އެކީގައި އެހާ ދުވަހު އުޅެފައި ވަކިވާ މީހުންގެ ވާހަކަތަކުން ހަމަވެގެން ދެއެވެ. މީހުން ދަސްކުރުމުގައި ދެނެގަނެވޭނީ އެމީހުންގެ ބަހާއި އަމަލުތައް ކަމަށް ވާއިރު ބަހުން އެހެން ގޮތެއް އަމަލުން އެހެން ގޮތެއް ހާމަކޮށްދޭހާ މީހުން ގިނަވީމަ ދަސްކުރުން ވަނީ ކިހާ އުދަނގޫ ކަމަކަށްތޯއެވެ.
އެކި މީހުން މި ކަމުގައި ދެކޭ ގޮތް ތަފާތު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީހުން އެމީހުންގެ އަސްލު އުސޫލުތައް އަނެކުންނަށް ދެނެގަންނަށް އޮޅުވައިލުމަށް ޒަމާނީ ޓެކްނޮލޮޖީއަކީ ވެސް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ކޮންމެ މީހަކީ ވެސް ބަދަލުތަކެއް އަންނާނެ މީހެކެވެ. އުމުރާއި ހަށިގަނޑަށް ވެސް އަދި ވިސްނުމާއި ފިކުރަށް ވެސް މެއެވެ. އެހެނަސް އެމީހުންގެ ތަބީޢަތުގައި ހަރުލާފައިވާ ކަންކަމަކީ އެހާ ފަސޭހައިން ބަދަލުވެގެންދާ ކަންތައްތަކެއްނޫނެވެ.
ކަން މިހެން ހުރިއިރު މީހުން އެމީހުންގެ ހަޤީގަތް އޮޅުވައިލަން އެހާ ކުޅަދާނައީ ކީއްވެބާއޭ ވަރަށް ގިނަ ބޭފުޅުންގެ ހިތުގައި ސުވާލު އުފެދޭނެކަން ހަމަ ޔަޤީނެވެ.
މީހުން ދަސްކުރުމުގައި ކުރިޔަށް އޮތް ޖީލުތަކުގައި އަދި މިއަށްވުރެ ވެސް ދަތިވާނެ ކަމަށް ލަފާ ކުރެވެއެވެ. ސަބަބަކީ ދުނިޔެއަށް އަންނަމުންދާ ޒަމާނީ ޓެކްނޮލޮޖީގެ ބަދަލުތަކެވެ. ކޮންމެ އަކަސް ބައެއް މީހުން ދަސްކުރުން ވެފައި މިވަނީ ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ ފިލާވަޅަކަށެވެ. ވަރަށް ގިނަ ގުޅުންތައް ކެނޑިގެން ދިއުމުގެ އަސްލަކީ ވެސް މީހުން ދަސްނުވެ ދަސްވެއްޖެ ކަމަށް ހީކުރެވުމެވެ.