ލައިފްސްޓައިލް

ރޯދަ ވީއްލާ ގަޑިއަށް ސަންގު ފުމުނު ހަނދާން ހުރީ ކޮންބައެއް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެހާރާއި މިހާރާ އަޅައި ބަލާނަމަ އަހަރެމެންގެ އާދަކާދަތަކަށް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮވެއެވެ. އަތުކުރީ ގަޑިއެއް އޮވެއެވެ. ކޮންމެ ހިސާބެއްގައި ހުރި ކަމުގައި ވިޔަސް ފޯނުން ނަމާދު ވަގުތުތައް އަންގައިދެއެވެ. އެހެން މީހުނަށް އެ މައުލޫމާތު ފޯރު ކޮށްދެވެއެވެ.

Ads by MWSC

ޒަމާނަށް އައި ބަދަލުތަކާއި ލުއިފަސޭހަތަކާއެކު ރޯދަ މަހަށް ވެސް ވަނީ އޭގެ އަސަރުތައް ކޮށްފައެވެ. އެގޮތުން މިހާރު ކޮންމެ ތަނެއްގައި ހުއްޓަސް ރޯދަ ވީއްލާ ގަޑި ވެސް އަންގައިދެއެވެ. ކަނޑުމަތީގައި ނުވަތަ އެއްގަމުގައި ހުރި ނަމަވެސް މެއެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތައާރަފް ނުވާ ޒަމާނުގައި މިކަންތައް އޮތީ ތަފާތު ގޮތަކަށެވެ.

މީގެ ތިރީހަކަށް ނުވަތަ ސާޅީހަކަށް އަހަރު ކުރީގައި ޓީވީއަކީ ރަށްރަށުގައި އާންމު އެއްޗެއް ނޫނެވެ. ޓީވީ ހިފައިގެން ، ޓީވީ ދައްކައިދިނުމުގެ ޚިދުމަތް ދޭން ރަށްރަށަށް ދާ މީހުން ވެސް އޭރު އުޅުނެވެ. ރޭޑިއޯ ހުންނާނީ ވެސް މަދު ގެއެއްގައެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ގަޑިއެއްވެސް ހުންނަނީ މިސްކިތާއި ރަށު އޮފީހުގައެވެ.

ކަން މިހެން އޮތުމާއެކު އެ ޒަމާނުގައި ރޯދަ ވީއްލާ ގަޑި ޖެހިއްޖެކަން އަންގަނީ ރަށު އޮފީހުންނެވެ. މިކަން ކުރަނީ ސަންގު ފުމެގެންނެވެ. އިރު އޮއްސުނުކަން ، ސަންގު ފުމޭ މީހާ ޔަގީން ކުރުމުގެ ގޮތުން ބައެއް ރަށްރަށުގައި ދިގު ރުށްރުކަށް އަރައި އުޅުނު ކަމަށް ވެސް ބުނެއުޅެއެވެ.

އިރު ފުހުމުގެ ޚަބަރު ދިނުމަށް އޭރު ބޭނުން ކުރަނީ ސަންގެވެ. ރަށު އޮފީހުގެ ޕިޔޯނު މަގަށް ނިކުންނަވައި ސަންގު ފުމެލެއްވުމާއެކު އެއީ ރޯދަ ވީއްލަން ވީއެވެ. ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދަކީ ބޮޑު ސަރަހައްދަަކަށް ނުވުމާއެކު އެ އަޑު އެންމެންނަށް ވެސް ރަނގަޅަށް އިވެއެވެ.

ނަމަވެސް ޒަމާން ބަދަލުވެ، ތަރައްގީވުމާއެކު މިކަން ވެސް އުވި، ޕިޔޯނަށް ވެސް ރުކަށް އަރަން ނުޖެހި، އާއިލާ އާއެކު ރޯދަ ވިއްލާނެ ފުރުސަތު އޭނާ އަށް ވެސް މިހާރު ވަނީ ލިބިގެން ގޮސްފައެވެ.

އެހެންވީމާ ބުނެބަލާށެވެ. ރޯދަ ވީއްލާ ގަޑިއަށް ސަންގު ފުމުނު ހަނދާން ހުރީ ކޮން ބައެއް ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!