ލައިފްސްޓައިލް

"އަލާއްދީންގެ ސައިކުރާ" ކަމަށް ބުނެ އިންޑިއާގެ ޑޮކްޓަރަކު މޮޔަހައްދާ، 41،600 ޑޮލަރަށް ވިއްކާލައިފި!

"އަލާއްދީންގެ ސައިކުރާ" ކަމަށް ބުނެ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޑޮކްޓަރަކު މޮޔަހައްދާ އޭނާއަށް ބާވެފައި ހުރި ސައިކުރައެއް 41،600 ޑޮލަރަށް ވިއްކި ދެމީހަކު ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި، އެ ދެފިރިހެނުން ވަނީ އެސައިކުރައިން ޖިންނި ނިކުންނާނެ ކަމަށާއި ޖިންނިތައް އެޑޮކްޓަރަށް މުއްސަނދިކަމާއި މަޝްހޫރުކަން ދޭނެ ކަމަށް ބުނެފައެވެ.

އަދި ސައިކުރާ ތެރެއިން ޖިންނިއެއް ނެރެން މަަސައްކަތް ކުރާ ކަމަށް ވެސް މީހުން ހެދުނެވެ.

ސައިކުރާގެ އަގަކަށް އެންމެ ފުރަތަމަ އެދެމީހުން ބޭނުންވީ 200،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް ފަހުން 41،600 ޑޮލަރަށް އަގު ތިރިކުރިއެވެ.

މިމައްސަލައިގައި އުމުރުން ދުވަސްވީ އަންހެނަކަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އެޑޮކްޓަރަށް އެއީ މަކަރާއި ހީލަތުން ވިއްކި ސައިކުރައެއްކަން އެނގުމުން، ވަގުތުން ވަނީ ޔޫޕީގެ މީރަތު ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހަޅާފައެވެ.

ފުލުހުންނަށް ދިން ބަޔާނުގައި ޑޮކްޓަރު ބުނެފައިވަނީ އެމީހުންނާ ބައްދަލުވީ އުމުރުން ދުވަސްވީ އެއަންހެން މީހާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އޭނަގެ ކްލިނިކަށް ދިޔުމުންނެވެ.

އެމީހުން އޭނާގެ ބޮލަށް ސަވާރުވެ އަލާއްދީން ވެސް އެއްފަހަރު ގެނައި ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ. އެއީ އޭގެ ތެރެއިން އެކަކުކަން އެނގުނީ މާފަހުން ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!