ޚަބަރު

ޕޯސްޓްމޯޓަމް ހަދަން ސިދުރަތުﷲގެ ހަށިގަނޑު ފޮނުވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗް ކައިރި ބޭރުން މަރުވެފައި އޮއްވާ ފެނުނު ވާދޫ އަށް ނިސްބަތްވާ މުޙައްމަދު ސިދުރަތުﷲ (31އ.) ގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ކަމަށެވެ.

ސިދުރަތުﷲ ގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި އޭނާގެ ހަށިގަނޑު ގިނަ ދުވަސްތަކެއް ވަންދެން މޯޗަރީގައި ބޭއްވިއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ޕޯސްމޯޓަމް ހެދުމަށް ސިދުރަތުﷲ ގެ ހަށިގަނޑު ބޭރަށް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވީ ކޮވިޑާއި ގުޅިގެން ކަމަށެވެ.

އައިޖީއެމްއެޗް ބޭރުން މޫދުގައި މަރުވެފައި އޮއްވާ އޭނަގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ވަނީ އޭނާގެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 22 ވީ ދުވަހުގެ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެކަމާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ކަމަށް ބުނެ ފުލުހުން ވަނީ އެ ފަރާތްތަކުން ފުލުހުންގެ އިމަޖަންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.

ސިދުރަތުﷲގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް އައިޖީއެމްއެޗުން ވެސް ބުނެފައިވެއެވެ. އަދި އޭނާ މަރާލާފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!