ދީން

ނަފްސަށް ހިތްހަމަޖެހުން ހޯދަން އެދޭނަމަ ނިދުމުގެ ކުރިން މިކަންކަން ކުރިކަން ޔަގީން ކޮށްލައްވާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނިދުމަކީ ހަށިގަނޑަށް ހިތްހަމަ ޖެހުން ހޯދައިދޭ ކަމެކެވެ. ހަށިގަނޑަށް އަރާމު ލިއްބައިދޭ ކަމެކެވެ. އެހެން ނަމަވެސް ނިދުމަށް ލޯ މަރައިލުމަކީ އަބަދުގެ އަބަދަށް ލޯ މަރައިލުން ކަމަށް ވެސް ބައެއް ފަހަރު ވެދެއެވެ. ވީމާ ، އެއީ ޚާއްޞަ ވަގުތެއް ވެސް މެއެވެ. މިދުނިޔޭގައި ﷲ ލައްވައިފައިވާ ލައްޒަތެއް ކަމަށްވާ ނިދީގައި މި ނިކަމެތި އިންސާނާ އޮއްވައި އޭނާ މިދުނިޔެއާ ވަކިވެދާކަމީ އެކަމުން އަހަރެމެން އިބްރަތް ޙާޞިލް ކުރަން ޖެހޭނެ ކަމެކެވެ. އެހެންކަމަށްވުމާ އެކު ނިންޖަށް ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ނިދާ ވަގުތުގައި ވެސް ﷲއާ ކުއްތަންވުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެކަމަށް ޓަކައި ސަމާލުވެ ޔަގީން ކުރައްވަން ޖެހޭ ކަންތައްތަކެއް ވެއެވެ.

Ads by STELCO

ފުރަތަމަ ކަމަކީ މީހުންނާ މެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކޮށްލުމެވެ. އެއްވެސް މީހަކާ ހިތް ބުރަ ކަމެއް އޮތް ނަމަ ނުވަތަ އެއްވެސް މީހަކު ތިބާދެކެ ނުރުހުންވެ އަދި ތިބާ އެކަމަކާ މެދު ފިކުރު ބޮޑު ވާނަމަ ނިދުމުގެ ކުރިން މިކަމާ ވިސްނައިލާށެވެ. ހިތްބުރަކަން އޮތް އިންސާނާއަށް މާފު ކޮށްލާށެވެ. އަދި އޭނާއާ މެދު ހިތް ސާފުކޮށްލާށެވެ. އަދި ތިބާގެ ކުށެއް ނެތިވެސް ތިބާ ދެކެ މީހަކު ހިތްހަމަ ނުޖެހޭ ނަމަ އޭނާއާ މެދުވެސް ހިތް ޚަލާސްކޮށްލައި އޭނާގެ ހިތް ތިބާއަށް ޓަކައި މަޑުވޭތޯ ދުޢާ ކޮށްލާށެވެ.

ދެވަނަ ކަމެއްގެ ގޮތުން ﷲ ތަޢާލާ ފަރުޟު ކުރެއްވި ފަރުޟެއް ނުކުރެވި އޮތް ނަމަ އެނދަށް ނާރާށެވެ. ﷲއަށް ދައްކަން ޖެހޭ ދަރަންޏެއް ނުބާއްވާށެވެ. މިސާލެއްގެ ގޮތުން އިޝާ ނަމާދު ނުކުރެވި އޮތް ނަމަ ފުރަތަމަ އެކަން ނިންމާށެވެ.

ތިންވަނަ ކަމަކީ ނިދުމުގެ ކުރިން ﷲއަށް ކުއްތަންވުމުގެ ގޮތުން ޚާއްޞަ ވަގުތުކޮޅެއް ހޭދަ ކޮށްލުމެވެ. އެއީ އޭނާއަށް އެ ދުވަހެއްގައި ކުރެވުނު ޢަމަލުތައް ވަޒަންކޮށްލެވޭ ވަގުތުކޮޅަކަށް ހަދާށެވެ. އަދި އެއީ ތިމާ ތައުބާވެ އިސްތިޣްފާރު ކުރާ ވަގުތަކަށް ވެސް ހަދާށެވެ.

ހަތަރުވަނަކަމަކީ ބައެއް މީހުންނަށް ވަރަށް ބީރައްޓެހި ކަމެކެވެ. ނިދުމުގެ ކުރިން އަހަރެން މަރަށް ތައްޔާރުވާން ޖެހޭތޯ ސުވާލު ކުރާ ކަމެކެވެ. ނަމަވެސް ނިދުމަށްފަހު ނުހޭލާ ދުވަހަކީ 20 އަހަރު ނުވަތަ 40 އަހަރު އެ ނޫންނަމަ 75 އަހަރު ފަހުން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ވީމާ ނިދުމުގެ ކުރިން ތިމާގެ ދަރަންޏެއް ވަސިއްޔަތެއް އޮތްނަމަ އެކަން އަދާ ކޮށްލައްވާށެވެ. ކުޑަމިނުން އެކަމެއް އާއިލާގެ އެމީހަކަށް ޚާއްޞަ އެކެއްގެ ގާތުގައި ހިއްސާކޮށްލާފައި ބާއްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!