ހަޔާތުގައި ވެސް ނަގަން ޖެހުނު އެންމެ ތާކުންތާކު ނުޖެހޭ ބަޔާންކަން ޕޮލިސް އޮފިސަރަށް ސިފަވިކަން ޔަގީން: ޙުސެއިން

އައްޑޫސިޓީ ހިތަދޫގައި ވާލަކަށް އަނިޔާކުރި ކަމަށް ބުނެ މިއަދު ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި މިތުހުމަތުގައި ހައްޔަރުކުރީ ޙުސެއިން ރަޝީދު ކިޔާ މީހެކެވެ. އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ، އޭނާއަކީ އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށް އެނޫހަަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޙުސެއިން ބަންދުން ދޫކޮށްލާފައިވާކަން ހާމަކުރަމުން ފޭސްބުކްގައި އޭނާ ޖެހި ޕޯސްޓެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އޭނާއާމެދު ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކުރަމުން އޭނާ ބުނެފައި ވަނީ މިއީ ހަޔާތުގައި ވެސް ނަގަން ޖެހުނު އެންމެ ތާކުންތާކު ނުޖެހޭ ބަޔާންކަން އެޕޮލިސް އޮފިސަރަށް ވެސް ސިފަވިކަން ޔަގީން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެވާލަކީ ހުސެއިން ދިރިއުޅޭ ގޭގައި ހުންނަ ޖަނބުރޯލު ގަހުގެ ދާގަނޑެއްގައި ޖެހި މަރުވެފައި އޮތް ވާލެކެވެ. އޭނާ އެ ވާ ނަގައިގެން ކަރުގައި ވާގަނޑެއް އައްސާފައި، މީސް މީޑިއާގައި ފޮޓޯއެއް ވެސް އާންމުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޙުސެއިން ހައްޔަރު ކޮށްފައިވަނީ، ފޮޓޯ އާއްމުކުރިތާ މާގިނައިރުތަކެއް ނުވެއެވެ.