ރީތި ހިމަ އުނަގަނޑެއް ހޯދުމަށް ބޭނުންވަނީ ތުވާއްޔަކާ 5 މިނެޓް
ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އަންހެނުންނަކީ ޒީނަތްތެރި ވުމާއި، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ލޯބި ކުރާ ބައެވެ. ކިތަންމެ ބޭނުންވިޔަސް އެކަމަށް މަސައްކަތް ނުކުރެވޭ މީހުން ތިބޭ ކަމީ ވެސް ހަގީގަތެކެވެ. ގިނަ ފަހަރަށް ކުރަން ޖެހޭ ކަސްރަތުގެ އުނދަގޫ ކަމާ، އެކަމަށް ބޭނުންވާ އާލާތްތަކާއި ވަގުތު ގެ ގިނަ ކަމުންވެސް އެކަން ކުރަން ނޫޅެވި ހުރެއެވެ.
ފެށިގެން މިދާ ރޯދަމަހާއި އެކު ގިނަ ބައެއްގެ ބަރުދަން އިތުރުވާނެ ވާހަކައަކީ އާންމު ވާހަކަ އެކެވެ. އެހެން ކަމުން ފަސޭހައިން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޮށްލެވޭ އެހާމެ ނަތީޖާ ރަގަޅު ކަސްރަތެއް ބުނެދޭނަމެވެ.
މިއީ ޖަޕާނު މީހުން ޚާއްސަކޮށް އަންހެނުންގެ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް އެގައުމުގައި އެތައް ޒަމާނެއް ކުރިންސުރެ ކުރާ ކަސްރަތެކެވެ. މި ކަސްރަތު ތަޢާރަފް ކުރީ އެގައުމުގެ ޑޮކްޓަރެއް ކަމަށްވާ ތޮޝިކީ ފުކުސުޒީ އެވެ.
މި ކަސްރަތު ކުރާނެ ގޮތާއި އޭގެ ފައިދާ ބަޔާންކޮށް ޑރ. ތޮޝިކީ ލިޔުނުފޮތަކީ އެ އަހަރު މުޅި އޭޝިޔާގައި އެންމެ ގިނައިން ވިކުނު ފޮތެވެ.
މިކަމަށް ބޭނުން ވަނީ ހަމަ އެކަނި ތުވާއްޔެކެވެ. މި ތުވާލި ދިގަށް މެދުން ފަތްޖަހާލުމަށް ފަހު އޮޅާލާށެވެ. އޮޅާލުމުން ވަށަމިނުގައި 10-7 ސެންޓިމީޓަރ ހުންނަން ވާނެއެވެ. ދެން ދުވާލި ޔޯގާމެޓެއް ނުވަތަ ކުނަލެއްގެ މަތީގައި ބޭއްވުމަށްފަހު، ފުރަހަށް ތުވާލިވާ ގޮތަށް، ތުވާލި ކައިރީގައި އިށީންނާށެވެ. އިށީނދެ، ކޮނޑުގެ ފުޅާމިނަށް ދެފައި ދުރުކޮށްލުމަށްފަހު، ދެފައިގެ ބޮޑުވާ އިނގިލި އެތެރެއަށް ލަނބާލުމަށްފަހު ދެ އިނގިލި ޖެއްސޭތޯ ބަލާށެވެ. ދެން ތުވާލި މަތީގައި އޮށޯވެ، ދެއަތްތިލައިގެ ބޮޑުވާ އިނގިލި ބޭރަށްވާ ގޮތަށް އަނބުރާލުމަށްފަހު، ބޮލާދިމާލުން މައްޗަށް ދަމާލުމަށްފަހު، އަތް ކުނާމަތީގައި ބާއްވާލާާށެވެ. މިގޮތަށް ދުވާލަކު 5 މިނިޓް އޮވެވޭ ނަމަ މައިބަދައިގެ ކަށިތައް ސީދާވެ ހަށިގަނޑު ރީތިކޮށް ހުންނާނެއެވެ.
ރެފްލޮކްސޮލޮޖީ އަދި މަސާޖްގެ މާހިރުން ހާމަ ކުރާ ގޮތުގައި މި ކަސްތަކުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވަރުގަދަވެ، ބުރަކަށީގެ ރިހުން ކެނޑި، އުނަގަނޑު ހިމަވާނެއެވެ. ގަވާއިދުން 30 ދުވަސް ވަންދެން މި ކަސްރަތު ކުރެވޭ ނަމަ މިކަމުގެ އެދެވޭ ނަތީޖާ ފެންނާނެއެވެ.
ޑރ. ތޮޝިކީގެ ފޮތް ވިކި މި ކަސްރަތު ވައިގައި ހިފާފައިވާތާ މިހާރު ދެތިން މަހެއް ވެއްޖެއެވެ. މިކަސްރަތުގެ އަޖުމަބެލި ބައެއް ފަރާތްތަކުން ހާމަ ކުރި ގޮތުގައި ބުރަކަށީގެ ތަދު ފިލައިފިއެވެ. އަނެއް ބަޔަކު ހާމަކުރި ގޮތުގައި، ހަށިގަނޑުގެ ބައްޓަމަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ. މިއީ ހަމައެކަނި ބުރަކަށީގެ ރިހުމަށް ލުއި ހޯދުމަށް ވަރަށް ގިނަ ގައުމުތަކުގައި ކޮށް އުޅޭ ކަމެކެވެ.



