ހަގީގީ ހާދިސާ ލައިފްސްޓައިލް

އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަސް، އެންމެ ހިތާމަވެރި ދުވަހަށް ބަދަލުވާން ސިކުންތެއް ވެސް ނުނެގިއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއީ އަހަރެންގެ ޙަޔާތުގައި އަންނާނެ އެންމެ ބޮޑު އެއްދުވަހެވެ. އަހަރެން އައު ދިރިއުޅުމެއް ފަށަން ދީނީ ގޮތުން ކުއްޖަކާ ގުޅެން އޮތް ދުވަހެވެ. އަހަރެންގެ ކައިވެނީގެ ދުވަހެވެ. ކައިވެނީގެ މަޖިލީހަށް އެންމެން މަޑުމަޑުން ދިޔައީ ހަމަ ވަމުންނެވެ. އެހެން ނަމަވެސް އަހަރެން އެންމެ ބޭނުންވި މީހާ އަދިވެސް ނާދެއެވެ. އަދި ކައިވެނި ފަސް ކުރީ ވެސް ހަމަ އޭނާ އަންނާން ދެނެވެ.

Ads by Sosun Fihaara

އެންމެ ކުޑައިރުން ފެށިގެން ވެސް އެއްކޮށް އުޅުނު މަގޭ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ހުރިހާ ކަމެއް ހިއްސާ ކޮށްފައިވާ އެކުވެރިޔާއެވެ. އޭނައާއި ނުލާ އެ ކައިވެނި ކުރާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އެހެންކަމުން އަހަރެން ގުޅީ އަހަރެންގެ އެކުވެރިޔާއަށެވެ. ކައިވެނި ފަށަން ލަސްވާތީ ކިހާ އިރެއްވާނެތޯ އަހާލަން ވެގެނެވެ.

ދެތިން ފަހަރު ގުޅާލެވުނެވެ. އެކުވެރިޔާ ފޯނެއް ނުނެގިއެވެ. އަހަރެންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. މަންމައާއި އާއިލާގެ އެހެން މީހުން ބުނަމުން އެދަނީ އޭނާ އަންނާނެ ކަމަށެވެ. އަދި ކައިވެނި ފަށަންވީ ކަމަށެވެ. އެހެންކަމުން އަހަރެން ހިތްހަމަ ނުޖެހުނު ނަމަވެސް ކައިވެނި ފަށަން އެއްބަސް ވެއްޖައީމެވެ. ފަހުން އެކުވެރިޔާ އައިމަ އެވާހަކަ ދައްކާނީއޭ ހީކޮށެވެ.

އެހެންނަމަވެސް އަންނަން އޮތް ކޮޅިގަނޑު ފެންނާނީ ވެސް ފަހެ ކާކަށް ހެއްޔެވެ؟ ކައިވެނީގެ މެދުތެރެއިން އައި ފޯނު ކޯލެކެވެ. ދުރު މީހެއް ނޫނެވެ. އެކުވެރިޔާގެ މަންމައެވެ. އެކުވެރިޔާ ކަމަށް ހީކޮށް ވަރަށް އުފަލުން ފޯނު ނެގީމެވެ. ލިބުނު ޚަބަރަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގެން ފަދައެވެ. ހިތުގައި ބާރު އެއްޗަކުން ޖެހި ކަހަލައެވެ. މެޔަށް އެރި ތަދަކުން އަހަރެންނަށް ހަޅޭއްލަވާ ގަނެވުނީއެވެ.

އާނއެކެވެ. އެކުވެރިޔާގެ މަންމަ ދިން ޚަބަރަކީ އަހަރެން އެއްވެސް ވަރަކަށް އުއްމީދު ކުރި ޚަބަރެއް ވެސް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އެންމެ ގާތްކޮށް އެކުއެކީގައި ވީ އެރަހުމަތްތެރިޔާ މި ފަނާވަނިވި ދުނިޔެއިން އަލްވަދާޢު ކިޔައިފިއެވެ. އަހަރެންގެ ކައިވެނި ޕާޓީއަށް އައި މަގުމަތީގައި އެކްސިޑެންޓު ވީކަމަށް އެކުވެރިޔާގެ މަންމަ ބުންޏެވެ. އެވަގުތު އެއީ ހުވަފެނެއް ކަމުގައި ވުމަށް އަހަރެންގެ ހިތް އެދުނު ނަމަވެސް އެއީ ހަގީގަތެވެ.

އަަހަރެން އަވަސްވެގަތީ ކައިވެނި މަޖިލީހުން ނިކުމެ އެކުވެރިޔާ ގާތަށް ދިއުމަށެވެ. އެފަކީރު ދުނިޔެ ނިމިގެން އެދިޔައީ އަހަރެންނަށް ހާދަހާ ގިނަ އަދި އެހާމެ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަހަރެން އުޅުނީ ކައިވެނި ކުރަން ތައްޔާރުވި ގޮތަށެވެ. އަދި އެމަޖެންސީއާ ހިސާބަށް ދެވުނު އިރު އެމްބިއުލޭންސަށް އަރުވައިގެން އެ ގެންދަނީ އަހަރެންގެ އެކުވެރިޔާގެ ފުރާނަ ނެތް މަސްގަނޑެވެ.

ކަރުނުން ފުރިފައިވި ދެލޮލުން އަހަރެން އެމަންޒަރު ބެލީ މަޖުބޫރީ ޙާލަތުގައެވެ. ދެން އަނެއްކާ ވެސް އަހަރެން އަވަސްވެ ގަތީ ސަހަރާއަށް ދިއުމަށެވެ. ސަހަރާއާ ހަމައަށް ދެވުނު އިރު އެކުވެރިޔާގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށް އެދަނީ ތައްޔާރު ވަމުންނެވެ. އަހަރެން ވެސް އެކުވެރިޔާއަށް ކޮށްދެވޭނެ އެންމެ ފަހު ކަމެއް ގޮތުގައި އެކުވެރިޔާގެ ކަށުކަމާކެމީގެ ކަންކަމުގައި ބައިވެރި ވުމަށް ދިޔައީމެވެ. އެކުވެރިޔާގެ މަންމަގެ ހާލު ފެނިފައި އަހަރެންގެ ލޮލުން އަނެއްކާ ވެސް ހޯސް ލާފައި ފައިބަން ފެށީ ކަރުނައެވެ.

އެވަގުތު އަހަރެންނަށް ފެނުނީ އެކުވެރިޔާގެ މަންމައެއް ނޫނެވެ. އެހާމެ ލޯބިން ބަލާބޮޑު ކުރި ހަމައެކަނި ދަރިފުޅު ވަކިވެފައިވާ އެކަނިވެރި މަންމައެކެވެ. އެހިތަށް ކުރާނެ އަސަރު އަހަރެންނަށް ވިސްނޭތީއެވެ. އެހެން ނަމަވެސް އަހަރެން ހިތްވަރު ކުރުމަށް ފަހު އެކުވެރިޔާގެ ޖަނާޒާގެ ކަންކަމުގައި އުޅެން ފަށައިފީމެވެ. ލޯކުރިމައްޗަށް އެންމެ ފުރަތަމަ އެކުވެރިޔާގެ ފުރާނަ ނެތް މަސްގަނޑު ފެނުނު ވަގުތަކީ އަހަރެން ހަމަހޭގައި ހުރި ވަގުތެއް ހެނެއް އަހަރެންނަކަށް ހީއެއް ނުވެއެވެ.

ކައިރިއަށް ގޮސް އެންމެ ފުރަތަމަ ވެސް އަހަރެންނަށް ހިތާ ހިތުން ގޮވާލެވުނީ އެކުވެރިޔާ އަށެވެ. އަދި ސަމާސާ ނުކޮށް ލޯހުޅުވަން އެދެވުނީއެވެ. ބޭރުން މާބޮޑު ޒަޚަމުތަކެއް ފެންނާކަށް ނެތެވެ. ނަމަވެސް ޑޮކްޓަރުން ބުނި ބުނުމުގައި އަހަރެންގެ އެކުވެރިޔާގެ ބޮލުގެ ނާރެއް ވަނީ ބުރިވެފައެވެ. އެހެންވުމުގެ ސަބަބުން އެކުވެރިޔާ ނިޔާވީ ކަމަށެވެ.

ކަށުކަމާކެމީގެ ކަންކަން ފެށިއްޖެއެވެ. އެންމެ ފަހުވަގުތު އާއިލާ މީހުންނަށް އެންމެ ފަހު ފަހަރަށް މޫނު ދެއްކުމަށް މީހުން ވައްދަން ފަށައިފިއެވެ. އެމަންޒަރު ބަލަން އަހަރެންނަށް ކެތް ނުކުރެވޭނެ ކަން އެނގުމުން އެވަގުތު އަހަރެން ބޭނުންވީ ކުޑަކޮށް ދުރަށް ޖެހިލުމަށެވެ. އެހެންނަމަވެސް އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެންނާއި އެކު އަހަރެންގެ އެކުވެރިޔާ ވީފަދައިން މިއަދު އެންމެ ފަހު ވަގުތުވެސް އަހަންނާ އެކު އެކުވެރިޔާއާއި ދުރަށް ދާކަށް އަހަރެންގެ ހިތް ކުޅަދާނައެއް ނުވިއެވެ.

ވަދާޢީ ސަލާމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. މޫނު އަޅަން ވީ ވަގުތު ޖެހިއްޖެއެވެ. ބޭނުން ނުވި ނަމަވެސް ދެން އެކުވެރިޔާއެއް އަހަރެންނަކަށް ނުފެންނާނެއެވެ. ކުރިން ސަކަރާތް ޖެހި ގޮތަށް ދެން ސަކަރާތް ޖަހަން މަގޭ އެ އެކުވެރިއެއް ނުހުންނާނެއެވެ. ދެމީހުން އެއްކޮށް ހާސިލުކުރަން ބޭނުންވި އެތައް ހުވަފެންތަކެއް ހަގީގަތަށް ހެދުމުގެ މަގުމަތީގައި އެ ހުއްޓުނީއެވެ. އަހަރެން އެކަނިވެރި ވީއެވެ. އަހަރެންގެ ކައިވެނި އޮތް ދުވަހު ކުރާނެ ހުރިހާ ކަމެއް ވެސް ރޭވީ ދެމީހުން އެކީގައެވެ. އެވަގުތު އަހަރެމެން ދެމީހުންގެ މާޒީ އަހަރެންނަށް ސިފަވިއެވެ.

ގިސްލަމުންދިޔަ ހިތުގައި އަތް އަޅާލުމަށްފަހު، އެކުވެރިޔާގެ މަންމައާއި އާއިލާއިން އެކުވެރިޔާގެ މޫނު އަޅައިފިއެވެ. އަހަރެންގެ ލޯބިވާ އެކުވެރިޔާގެ މޫނު އަޅައިފިއެވެ. އަހަރެންގެ ބަސް ހުއްޓިއްޖެއެވެ. އެކުވެރިޔާ މިދުނިޔެ ދޫކޮށް ދާއިމީ މަންޒިލަކަށް ދަތުރު ކޮށްފިކަން އަހަރެންގެ ހިތް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އުފުއްލާލުމަށް ފަހު ސަންދޯކަށް އެ ލީ އަހަރެންނާ އެއްކޮށް ތާއަބަދު އުޅުނު އެކުވެރިޔާއެވެ. ދުވަހަކު ވެސް ދުރުނުވާނެ ކަމަށް ބުނެ އަދި ކޮންމެ ދުވަހަކު ވެސް ނަސޭހަތްތައް ލައިދެމުން ގެންދިޔަ މަގޭ އެކުވެރިޔާއެވެ.

އެންމެ ފަހު ފަހަރަށް ވެސް އަހަރެންނަށް އަހަރެންގެ އެކުވެރިޔާ އާއި ބައްދަލު ނުކުރެވުނެވެ. ހިތްހެޔޮ ކުރުމަށް އެދި ވަދާޢީ ވާހަކަ ދައްކާލުމުގެ ފުރުސަތެއް ވެސް އަހަރެންނަކަށް ނުލިބުނެވެ. ކަށުނަމާދު ކުރުމަށް ފަހު އެކުވެރިޔާ ވަޅުލެވިއްޖެއެވެ. އެންމެން ދިޔަ ފަހުން ވެސް އަހަރެން އެތައް އިރެއް ވަންދެން އެކުވެރިޔާގެ މަހާނަ ކައިރީގައި މަޑުކުރީމެވެ. އެތަނުން ދިއުމަށް އަހަރެންގެ ހިތް ނޭދޭތީއެވެ.

މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މި ފަނާކުރަނިވި ދުނިޔެއަށް އަލްވަދާޢު ކީ ދުވަހުގެ ވާހަކައެވެ. އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަސް، އެންމެ ހިތާމަވެރި ދުވަހަށް ބަދަލުވާން ސިކުންތެއް ވެސް ނުނެގިއެވެ. ކޮންމެ ސިކުންތަކު ވެސް ދިރިއުޅުން ބަދަލު ވެދާނެއެވެ. މިއަދު އަހަރެން ގާތުގައި އަހަރެންގެ އެކުވެރިޔާ ނެތް ނަމަވެސް އެ އެކުވެރިޔާގެ ހެޔޮހާ ނަސޭހަތްތައް ތާއަބަދުމެ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވާނެއެވެ.

ހަގީގީ އެކުވެރިކަމަކީ ކޮބައިކަން ވެސް އަހަރެންނަށް ދަސްކޮށްދިނީ ހަމަ އެ އެކުވެރިޔާއެވެ. އެކީގައި ކުރިހާ މަޖަލާއި ޖެހިހާ ސަކަރާތްތަކެއް ވެސް އަހަަރެން ހަނދާން ކުރާނީ ހިނިތުންވެ ހުރެއެވެ. މާތްﷲ އަހަރެންގެ އެކުވެރިޔާގެ ފާފަތައް ފުއްސަވާ ސުވަރުގޭގައި ލައްވާންދޭވެ. އާމީން.

 

Ads by Allied Insurance
  1. އާމީން