ލައިފްސްޓައިލް

ސާރވޭ: ދެމަފިރިއަކަށް އާއިލާއަކާއެކީ ނޫޅެވެނީ، މައިދައިތަގެ ސަބަބުންތަ؟

ގިނަ ދިވެހީންނަކީ ކައިވެންޏެއް ކުރުމަށްފަހު ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ އާއިލާއަކާއެކު ދިރިއުޅުން ވޭތުކުރާ ބައެކެވެ.

ގިނަ ފަހަރަށް މިހެން ވަނީ ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުންނާއި، ކައިވެންޏެއް ކުރުމަށްފަހު އާއިލާއާ ވެސް ދުރުވާން ބޭނުން ނުވާތީ އެންމެން އެކުއެކީގައި ދިރިއުޅެން ބޭނުންވުމެވެ.

ނަމަވެސް އާއިލާއަކާއެކު ދިރިއުޅުމަކީ ބައެއްފަހަރު ދެމަފިރިއެއްގެ ދެމެދުގައި ވަރަށް ބޮޑަށް މައްސަލަ ޖެހޭ ކަމެކެވެ. ދެމަފިރިން ކުރާ ކަންކަމާ އާއިލާއަށް ވެސް ބެހެވި، އަދި އާއިލާގެ އެހެން މީހުން ކުރާ ކަންކަމާ އެދެމަފިރިންނަށް ވެސް ބެހެވި މައްސަލަތައް ޖެހޭވަރު މަދެއް ނޫނެވެ.

އެއްވެސް އާއިލާއަކާއެކު ދެމަފިރިންނަށް ދިރިއުޅެން އުނދަގުވޭތޯ އާއި އެކަމުގެ ސަބަބަކީ ކޮބައިތޯ، މީސް މީޑިއާ މެދިވެރިކޮށް "ދެން" ފަރާތުން ސާރވޭއެއް ހަދާލީމެވެ. އޭގެ ތެރެއިން ގުނާލެވޭ ބައެއް މީހުންގެ ޖަވާބު ތިރީގައި އެވަނީއެވެ.

▪︎ އާމިރު (32އ.)
އަހަރުމެންގެ ކައިވެންޏަށް މިހާރު 10 އަހަރު ފުރިއްޖެ. އަހަރެންގެ އާއިލާއާއި އަނބިމީހާގެ އާއިލާ މިޒާޖު ތަފާތުކަމުން، އަނބިމީހާގެ އެދުމުގެ މަތިން އަހަރެން ދިރިއުޅެނީ އަނބިމީހާގެ ގޭގައި. އަންހެނުން ރަނގަޅަށް ހަމަޖެހިފައި ހުންނައިރު ވަރަށް ރަނގަޅު، އެކަމަކު ރުޅި އައިސްފިއްޔާ ގޮވާލާ އަހަރެންގެ އާއިލާ މީހުން ކޮށްފަ ހުންނަ ކަންކަން ވެސް. އޭނަގެ ބޮލަށް އެވަސްވާސްލާ ދީފަ ހުންނަނީ އޭނަގެ މަންމަ. ފިރިމީހާއަށް އިހްތިރާމް ކުރާކަށް ދަހެއް ނުކޮށްދޭ. ދެން އަބަދު މައިދައިތަ އިންނަނީ އަންހެނުން ކައިރީގަ ކިޔަކިޔާ އަހަންނަކީ ޒިންމާދާރު މީހެއް ނޫނޭ. މުޅި ދުވަހު އެއްކޮށް މަސައްކަތުގައި އުޅެފައި ގެއަށް އައިސް ހިތްހަމަ ޖައްސާލަން މަންމަމެން ކުރިމަތީ ފޯނަށް ބަލާލިޔަސް ބުނާނެ އަބަދު ފޯނާ ކުޅެނީއޭ. ދަރިންނަށްޓަކައި މިކެތް ކުރަނީ

▪︎ ވިސާމާ (22އ.)
އަހަރުމެންގެ ކައިވެންޏަށް އަދި މިވީ އެންމެ އަހަރެއް. ފިރިމީހާގެ އެދުމަަށް އެރަށް އައިސް މިއުޅެނީ. އޭނަ އުޅެނީ މިރަށް ކައިރި ރިސޯޓެއްގަ. ތެދައް ބުނަންޏާ އަހަންނަށް މިރަށުގައި އުޅެން ފަސޭހައެއް ނޫން. އަހަރެން ހެދުން އަޅާ ގޮތާ މައިދައިތަމެން ވަރަށް ބެހޭ. އަބަދުވެސް ކިޔަނީ ތިމަތި މާކުރޭ، ބުރުގާ އަޅާނީ ތިހެނެއް ނޫނޭ، މިވެނި އެވެނި މީހަކު ބަލާބަލާށޭ. ދެން އަބަދު އުޅެނީ އަހަރެން ކޮންމެވެސް މަަަސައްކަތެއް ނުކޮށްގެން. ކުރިޔަސް ކުރާކަމަކަށް ނުވޭ. ފިރިމީހާ ކައިރީވެސް ބުނެފިން މާލެ ބަދަލު ކޮށްދޭން

▪︎ ޖުނޭދު (37އ.)
އަހަންނަށް އިނދެގެން އާދެވިފަ މިހުރީ ދިވެހި އާއިލާއަކަށް ނޫން. އިންޑިއާގެ ޑްރާމާ ސީރީޒެއްގެ ތެރެއަށް. އަބަދާއި އަބަދު އަނބިމީހާ އާއި އޭނަގެ މަންމަ އާއި ދެ ދައްތަގެ ކަމަކީ ޓީވީ އަށް ގެއްލިފަ ޑްރާމާ ބެލުން. ބައެއް ފަހަރު އަނބިމީހާއަށް ނުއިވޭނެ އަހަރެން ގޮވިޔަސް. އެކަމާއި ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނާއިރަށް ފަށަނީ ރޯން. އޭރުން ދެން ހަތަރެސްކަން ހަމަވީ. އެއްދުވަހު އެގޮތަށް އަހަރެން ގޮވީމަ އަޑު ނުއިވިގެން ތަންކޮޅެއް ބާރަށް ގޮވީމަ މައިދައިތަ އެއްޗެހި ގޮވީ އަހަންނާ ދިމާލަށް. ބުނި އެމީހުންނާއެކީ ޓީވީ ބަލަން އަންނާށޯ ވެސް.

▪︎ ފަރްޒާނާ (35އ.)
އަހަރެންގެ ކައިވެނި ވަނީ ރޫޅިފަ. އިނުމުގެ ކުރިން ވެސް ބުނިން ވަކިން އުޅެން ބޭނުންވާ ވާހަކަ. އެކަމަކު ފިރިމީހާ ބޭނުންވީ އޭނަގެ އާއިލާ ކައިރީގަ އުޅެން. އަހަރެން ވަރަށް މަސައްކަތް ކުރިން އެކީގައި އުޅެވޭތޯ. އެކަމަކު ބުނިހާ ކަމެއް ކޮށްދީގެން އުޅުނީމަ ވެސް ކަމެއް ކުރާ ކަމަކަށް ނުވި. އަހަރުމެންނަށް ދަރިއަކު ލިބުނީމަ މައިދައިތަ ބޭނުންވީ އޭނަ ބުނާ ގޮތަކަށް ދަރި ގެންގުޅެން. އަހަންނަކަށް ދަރިން ބަލަން ނޭނގެއޭ ވެސް ބުނި. އެކަމާ އަހަރެން ހިތްހަމަ ނުޖެހިގެން ބުނިން އަހަރެންގެ ދަރި ބަލާ ބޮޑުކުރާނީ އަހަރެން ބޭނުން ގޮތަކަށޭ. އެކަމާ ނުބެހި އެކަން އަހަންނަށް ދޫކޮށްލާށޭ. އެހިސާބުން ފިރިމީހާ ކައިރީ ނޭނގެ ކުޓުވީ ކީކޭ ކަމެއްވެސް. ވަރި ކޮށްލައިފި. ދަރިފުޅު ގޮވައިގެން މިހާރު މިއުޅެނީ އަމިއްލަ އާއިލާ ކައިރީގަ!

  1. ސުނޫ

    ސާވޭ ކުރެވުނު ބައެއް ފޯމުތައްވެސް ހިއްސާކުރިނަމަ ރަނގަޅުވީސް

  2. ނަސީރު

    އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދެފާރާތުން ކުރެ ކޮންމެ ފަރާްތެއްގެ ޢާއިލާއައި އެއްކޮން އުޅުނަސް މަސަލަ ޖެހޭނެ.ވަކިން އުޅުން އެއްމެ ސަޅީ ހަމަ