ޚަބަރު

ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް ފުލުހުން ހަނދާނީ ލިޔުމެއް ދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބެންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓްގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވައި އެ ފޭރުން ނާކާމިޔާބު ކޮށްލި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަޙްމަދު ހަސަން މަނިކުގެ އަގު ވަޒަންކޮށް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުން ދީފިއެވެ.

Ads by STELCO

އެކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އަޙްމަދު ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

އަގު ވަޒަންކޮށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވައި އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ހަސަން މަނިކުގެ ޖެހިލުން ކުޑަކަމާއި ހިތްވަރު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް މިކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރު ކޮށްދެމުންދާކަން ފާހަގަކުރައްވައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ބައެއް އޮފިސަރުންނާއި، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންގެ އިތުރުން ރޫޓްގެ ފަރާތުން ބައިވެރިވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!