ޚަބަރު

ކޮވިޑް-19: ކަނޑިންމަ ރިސޯޓުގެ މުވައްޒަފުގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ދ. އަތޮޅުގައި ގާއިމް ކޮށްފައިވާ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވެގެން ނިޔާވި އެރިސޯޓުގެ މުވައްޒަފާއިމެދު، އެ ރިސޯޓުގެ އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމުން ބުނީ މިއީ އެކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލައެއް ކަމަށެވެ. ނިޔާވި މީހާގެ ބޭސްފަރުވާގައި ކަނޑިންމައިން އިހުމާލު ވެފައިވާ ކަމުގެ ތުހުމަތާ އެކު އާއިލާ އިން ވެސް ވަނީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅަން ނިންމައިފައި ކަމަަށް ވެސް މައުލޫމާތު ލިބެއެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑަށް ފައްސި ވެގެން، ބަލިހާލުދެރަވެ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ އާދަމް ނަސީރު ކިޔާ މީހެކެވެ.

ނަސީމް ނިޔާވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށް އެނގިފައިވެއެވެ. އޭނާ ފަރުވާ އަށް އާއިލާގެ ގާތަށް ފޮނުވައިދޭން ތަކުރާރުކޮށް އެދުމުން ވެސް އެކަން ރިސޯޓުން ހަމަޖައްސައި ނުދީ ލަސްކުރި ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ.

ނަސީމް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ކޮވިޑަށް ފައްސިކަން އެނގިފައިވަނީ، ބަލީގެ އަލާމާތްތަކެއް އޭނާގެ ގައިގައި ނިޔާވުމުގެ ކުރިން ހުރުމުން ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!