މި ފުލުސް މީހާ 2 ކިލޯމީޓަރު ދުވުނީ، އެމްބިއުލޭންސަށް މަގު ފަސޭހަ ކޮށްދޭން

އިންޑީއާގެ ޓްރެފިކް ބަލަހައްޓާ ފުލުހެއް، އެމްބިއުލޭންސް ދަތުރު ކުރުމަށް ފަސޭހަ ކޮށްދިނުމަށް ޓަކައި 2 ކިލޯ މީޓަރަށް ދުވެފިއެވެ.
"ޖީ ބާބްޖީ" ނަމަކަށް ކިޔާ މި ފުލުސް މީހާ އެމްބިއުލޭންސަށް އެހީތެރި ވުމުގެ ގޮތުން 2 ކިލޯމީޓަރަށް ދުވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް އެމްބިއުލޭންސްގައި އިން މީހަކު ވީޑީއޯ ކުރުމަށްފަހު ސޯޝަލް މީޑިއާއަށް ވަނީ އާންމުކޮށްފައެވެ. އެހިސާބުން ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމް ވަނީ މި ފުލުސް މީހާއަށް ލިބިގެން ގޮސްފައެވެ.
ކަން ހިނގާދިޔަ ގޮތް ބޭރުގެ މީޑިއާއަކަށް ކިޔައިދެމުން ބާބްޖީ ބުނެފައިވަނީ، ޓްރެފިކާ ހުރެ ވަރަށް މަޑުމަޑުން އެމްބިއުލޭންސެއް ދުއްވާފައި ދިޔަ މަންޒަރު ފެނުނު ކަމަށާއި، އެ އެމްބިއުލޭންސްގައި ވަނީ ވަރަށް ހާލު ދެރަ މީހެއްކަމުން އެ އެމްބިއުލޭންސަށް ދުއްވޭނެހާ މަގު ތަނަވަސް ކުރުމަށްޓަކައި އޭގެ ކުރިން ދުވުނީ ކަމަށެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ޓްރެފިކް ފުލުހުންގެ އިސް ފުލުހެއް ވަނީ ބާބްޖީއަށް ތައުރީފު ކުރައްވާ ޓުވީޓެއް ވެސް ކުރައްވާފައެވެ.