ރިޕޯޓް

އަންހެން ކުދިން އިސްވެ ލޯބި ހުށަހެޅުމަކީ މައްސަލައެއް ނޫން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަންހެން ކުދިން ލޯބި ހުށަހެޅުމަކީ ހަޑިކަމެއްގެ ގޮތުގައި އެންމެ ކުރިންސުރެ ވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ދެކެވިފައި އޮވެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ ވިސްނުމަށް ބަލާލިޔަސް މިއީ ސާބިތުވާން އޮތް ކަމެކެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އިސްވެ ލޯބި ހުށަހަޅަން ޖެހޭނީ ފިރިހެން ކުދިންނެވެ. އަންހެން ކުދިން ލޯބި ހުށަހެޅުމަކީ ވަރަށް ހަޑި ސިފައެކެވެ.

Ads by STELCO

އަންހެން ކުއްޖަކު ލޯބި ހުށަހަޅައިފިނަމަ ކުރެވޭނީ ކޮންކަހަލަ އިހްސާސެއްތޯ އަޅުގަނޑު ދެތިން ފިރިހެން ކުއްޖެއްގެ ގާތުގައި އަހާލީމެެވެ. އުމުރުން 18 އަހަރުގެ ޒުވާނަކު ބުނީ، އެފަދަ ހާލަތެއް ދުވަހަކު ވެސް ކުރިމަތި ނުވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަންހެން ކުއްޖަކު ލޯބި ހުށަހަޅައިފި ނަމަ ވަރަށް އުފާވާނެ ކަމަށާއި އަދި އޭނާ ހިތްއެދޭ ކުއްޖަކު ލޯބި ހުށަހަޅައިފިނަމަ ވާނެ ގޮތް ބުނަން ވެސް ނޭނގޭނެ ކަމަށެވެ. އެ އިހްސާސަކީ ތަފާތު އިހްސާސަކަށް ވާނޭކަން ޔަގީން ކަމުގައި ވެސް ބުންޏެވެ.

ވާހަކަ ދައްކާލެވުނު އުމުރުން 19 އަހަރުގެ ފިރިހެން ކުއްޖަކު ބުނީ އޭނާ މީގެ ކުރިން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީ އޭނާ އިސްވެ ލޯބި ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް 2 ފަހަރަށް ވެސް މާ ގިނަ ދުވަސްތަކެއްނުވެ އެ ގުޅުން ނިމުމަކަށް އައި ކަމަށް ކިޔައިދިނެވެ. ތިންވަނަ ފަހަރަށް ރައްޓެހިވާން އެހީ އެ އަންހެން ކުއްޖާއެވެ. އޭގެ ފަހުން އެ ދެމީހުން އެކުގައި އުޅޭތާ މިހާރު 3 އަހަރަށްވުރެ ގިނަ ދުވަސް ވަނީއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަންހެން ކުއްޖާ އިސްވެ ލޯބި ހުށަހެޅުމަކީ ގުޅުން ވަރުގަދަ ވެސް ވާ ކަމެކެވެ.

ހަގީގަތުގައިވެސް އަންހެން ކުދިން އިސްވެ ލޯބި ހުށަހެޅުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. މައްސަލަ އަކީ މުޖުތަމައު ދެކޭ ގޮތެވެ. މައްސަލަ އަކީ މީހުން ދައްކާ ތޯތޯ ވާހަކަ ތަކެވެ، މައްސަލަ އަކީ ނުބެހެން ޖެހޭ ކަންތައްތަކާ ބެހޭ މީހުން މުޖުތަމައުގައި ގިނަ ވުމެވެ،

ފިރިހެން ކުއްޖަކު ދުވާލަކު ތިން ހަތަރު ކުދިން ކައިރީ ރައްޓެހިވާން އެހިޔަސް އެއީ މައްސަލައެއް ނޫނެވެ. އެއީ "ގައްޑާ" މީހެކެވެ. އެއީ ވަރަށް "ކޫލް" މީހެކެވެ. ވަރަށް "ގަދަ" މީހެކެވެ. ނަމަވެސް އަންހެން ކުއްޖަކު އުމުރުގެ އެންމެ ފަހަރަކު ވެސް ފިރިހެން ކުއްޖަކަށް އިސްވެ ލޯބި ހުށަހަޅައި ރައްޓެހިވާން އަހައިފިނަމަ އޭނާ ވަރުގެ ގޯސް މީހަކު ނުހުންނާނެއެވެ. އޭނާއާ ދިމާއަށް ނުކިޔާކަށް އެއްޗެއް ނޯންނާނެއެވެ. އޭނާ އަކީ ފިރިހެނުން ފަހަތުން ދުވާ މީހެއް ކަމުގައި ލޭބަލް ވާކަށް މާގިނަ އިރެއް ނުވާނެއެވެ. އެންމެން އެކުގައި އެކައްޗެއް ކިޔާ އޭނާއަށް ހަނގާ ކުރަން ފަށާނެއެވެ.

މި ކުޑަކުޑަ މުޖުތަމައުއަށް ބަލާލާއިރު ބައެެއް އަންހެން ކުދިންވެސް ދެކެނީ މިހެންނެވެ. އަންހެން ކުދިން ދެކޭ ގޮތުގައި ފިރިހެން ކުއްޖާ އޭނާއަށް ހުރިހާ ކަމެއް ކޮށްދޭން ޖެހޭނެއެވެ. ކޮންމެ މަހަކު އެއްފަހަރު ހަދިޔާ ދީ ކޮންމެ އުފަން ދުވަހެއްގައި ޕާޓީ ބާއްވައިދޭން ޖެހޭނެއެވެ. މައްސަލައެއް ނެތެވެ. ތިކަމާ އެއްބަހެވެ. އެހެން ނަަމަވެސް ފިރިހެން ކުއްޖާ އުފާ ކޮށްދިނުމަށްޓަކައި އަންހެން ކުއްޖާ ވެސް ހާއްސަ ކަންކަން ކޮށްދިނުމަކީ އޮންނަން ޖެހޭނެ ކަމެކެވެ.

އަންހެން ކުދިން އިސްވެ ލޯބި ހުށަހެޅުމާއިމެދު ދެކެނީ ކިހިނެއްތޯ އުމުރުން 21 އަހަރުގެ އަންހެން ކުއްޖަކާ ސުުވާލު ކޮށްލުމުން އޭނާ ބުނީ، އަންހެން ކުދިން ލޯބި ހުށަހެޅުމަކީ އެއްވެސް ގޮތަކުން މައްސަލައެއް ނޫން ކަމަށެވެ. މައްސަލައެއް އުޅޭނަމަ އެއީ އާދަކާދައިގެ މައްސަލައެއް ނުވަތަ، ވިސްނުމުގެ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

އެއީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. އަންހެން ކުދިންނަށް ވެސް އިސްވެ ލޯބި ހުށަހެޅޭނެއެވެެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އެކަމާމެދު މުޖުތަމައު ދެކޭ ގޮތެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!