ދީން

ގިޔާމަތް ދުވަހު މާސިންގާ އުޑުތައް ފަަޅަފަޅައިގެން ގޮސް ފަރުބަދަތައް ބިމުން އުފުރިގެން ގޮސް ފުނޑުފުނޑުވެގެން ދާނެ:ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން މުސްލިމުންނަށް ވީހިނދު އަޅުގަނޑުމެންގެ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި އާޚިރަތް ދުވަހަށް އީމާންވުން ހިމެނިގެން ވެއެވެ. އެ ދުވަހަކީ އަންނާނެ ދުވަހެއް ކަމާއި އެ ދުވަހުން މީސްތަކުންގެ ހިސާބު ބެލެވިގެންދާނެ ކަމާއި އެ ދުވަހު ހިނގާނެ ހުރިހާ ކަމެއް ހިތުން ތެދުކޮށް ގަބޫލު ކުރަން ޖެހެއެވެ. މަރަކީ ވެސް ބައްދަލު ކުރާނޭ އެެެއްޗެއްކަން އެނގޭ ފަދައިން ގިޔާމަތް ދުވަހަކީ ވެސް ބައްދަލު ކުރާނެ އެއްޗެއްކަން އެނގެއެވެ. ނޭނގެނީ ބައްދަލު ކުރާނެ އިރެކެވެ. މިއަދުގެ ހުކުުރު ހުތުބާގެ މައުޟޫއު އަކީ "ގިޔާމަތްދުވަހާ މެދު ޣާފިލް ނުވާށެވެ."

އާޚިރަތް ދުވަހާމެދު ޣާފިލުވެ އެދުވަހުގެ ބިރުވެރިކަން ހަނދާން ނައްތާލައި، މި ކެހިވެރި ދުނިޔޭގެ އަރާމާއި އުފަލުގެ ފަހަތުން ދަނީ ﷲގެ އަޅުތަކުންގެ ތެރެއިން ކިތައް މީހުންތޯ ހުތުބާގައި ސުވާލު ކުރައްވާފައި ވެއެވެ. އަދި ﷲ ތަޢާލާ ދެއްވާފައިވާ އުމުރުގެ އަގުބޮޑު ވަގުތު ފައިދާއެއް ނެތް ކަންކަމުގައި ބޭކާރު ކޮށްލަނީ ކިހާބަޔަކު ތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ.

"އިންސާނާ މަރުވެ ކަށްވަޅަށް ދިއުމާ ހަމައިން ޤިޔާމަތުގެ މަރުހަލާ ފެށުނީއެވެ. ކަށްވަޅު ވެގެންދަނީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށެވެ. މި މަންޒިލަށް އިންސާނާ ދާން މި ޖެހެނީ އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެެވެ. އެކަނިވެރިކަން ފިލުވައިދޭނެހާ ވެސް އެއްޗަކީ ދުނިޔޭގައި ހުރި އިރު އޭނާ ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. ނަމަވެސް ދުނިޔޭގައި ނުބައި އަމަލުތައް ކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލު ކުރާނީ އެ ނުބައި އަމަލުތަކެވެ. އެ އަމަލުތައް ކަށްވަޅުގައި ބައްދަލު ކުރާނީ ބިރުވެރި ސިފައެއްގައެވެ." ޚުތުބާގައި އިތުރަށް ބަޔާން ކޮށްފައިވެއެވެ.

ޤިޔާމަތް ދުވަހު މާސިންގާ އުޑުތައް ފަޅަފަޅައިގެން ގޮސް ކުދިކުދިވެގެންދާ މަންޒަރު ހިތަށް ގެނެވޭތޯ ހުތުބާގައި ސުވާލު ކުރައްވައެވެ. އަދި ބިންމަތީގައި ގަދަފަދައަށް ސާބިތުވެފައިހުރި ބޮޑެތި ފަރުބަދަތައް، ބިމުން އުފުރިގެން ގޮސް ފުނޑުފުނޑުވެ ލުއި ކަފަކޮޅުތަކެއް ފަދައިން މީސްތަކުންގެ ބޯމަތީގައި އެނބުރެމުންދާ މަންޒަރު ތަސައްވަރު ކޮށްލެވޭތޯ ވެސް ސުވާލު ކުރެއްވެވިއެވެ.

ގިޔާމަތް ދުވަހު އަރުޝީގެ ހިޔާވަހިކަން ލިބޭނެ 7 ބައެއްގެ ހަބަރު ރަސޫލާ ޞައްލަﷲ އަލައިހި ވަޞައްލަމް އުއްމަތަށް ދެއްވާފައިވާކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ. އެއީ އަދުލުވެރި ވެރިޔާއާއި، މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާއާއި، މާތް ﷲ އަށް ޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިންގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާއާއި، ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށް ވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.

މީގެ އިތުރުންވެސް ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުގެ ވާހަކަތަކުން ހުތުބާގައި އިންޒާރު ކުރެއްވިއެވެ. އަދި އެ ދުވަހަަށް ތައްޔާރުވެ ހެޔޮ އަމަލުކުރުން ގިނަ ކުރުމަށް ނަސޭހަތްތެރިވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!