ޚަބަރު

ބައިޑެންގެ ނުފެންނަ ފަރާތް: މިއީ ވެރިކަމަށް ކުރިމަތި ލައްވާ 3 ވަނަ ފަހަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ޖޯ ބައިޑަން (ކ) ބަރަކް އޮބާމާ (ވ)

އެކި ސަބަބު ތަކާހުރެ މުޅި ދުނިޔޭގެ ވެސް ކަޅި މިހާރު ހުއްޓިފައި ހުރީ އެމެރިކާގައި މިހާރު ކުރިޔަށްދާ، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށެވެ. ދުނިޔޭގެ އެެންމެ ބޮޑު އަދި ބާރުގަދަ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސް ފަރާތް ކަނޑައަޅާ، އެމެރިކާގެ ރައީސް އިންތިޚާބު ކުރާ އިންތިޚާބަށެވެ. އެމެރިކާގެ އިންތިޚާބަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މިދަނޑިވަޅުގައި އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނާ ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ މަޢުލޫމާތުތައް އެއްކުރަމުންނެވެ.

Ads by Sosun Fihaara

މިގޮތުން މިލިޔުން މިޚާއްސަކޮށްލަނީ، އެމެރިކާގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މިވަގުތު ކުރީގައި އުޅުއްވާ، އެޤައުމުގެ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއާ ބެހޭ ގޮތުންނެވެ. ގިނަ ބަޔަކަށް ޖޯ ބައިޑަން އެނގެން ފެށީ 2008 ވަނަ އަހަރު އޭރުގެ ޑިމޮކްރަޓިކް ކެނޑިޑޭޓް ބަރަކް އޮބާމާގެ ރަނިންމޭޓަކަށް ބައިޑަން އިންތިޚާބު ކުރުމާއެކުއެވެ. ނަމަވެސް ބައިޑަންގެ ސިޔާސީ ހަޔާތް އޭގެ މާކުރިން ވަނީ ފެށިފައެވެ.

އެމެރިކާގެ ތާރީޚްގައި ބައިޑަން ގެ ނަން ފުރަތަމަ ފަހަރަށް ލިޔެވިގެން ދިޔައީ 1972 ވަނަ އަހަރު ޑެލެވިޔަރގެ ސެނެޓްގެ ގޮނޑި ކާމިޔާބު ކުރި ހިސާބުންނެވެ. ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން، ގާނޫނީ ދާއިރާގައި ހަރަކާތްތެރިވަމުން އެ އަހަރުގެ ސެނެޓް އިންތިޚާބު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާއެކު، އެމަނިކުފާނު ވެގެން ދިޔައީ އެމެރިކާގެ ތާރީޚްގައި ސެނެޓްގެ ގޮނޑިއަކަށް އިންތިހާބުވެ ވަޑައިގެންނެވި، 5 ވަނަ އަށް އެންމެ ހަގު ބޭފުޅާއަށެވެ. އޭގެ ފަހުން ޖުމްލަ 35 އަހަރު ސެނެޓަރއެއްގެ މަގާމުގައި އެމަނިކުފާނު ވަނީ ހުންނަވާފައެވެ.

1987 ރައީސް ކަމަށް ކުރިމަތި ލެއްވި

ބައިޑަންގެ ސިޔާސީ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ލިބިފައިވީ ނަމަވެސް، ނާކާމިޔާބީ އާ ގިނަ ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ކުރިމަތި ލައްވާފައެވެ. މިގޮތުން 1987 ވަނަ އަހަރު ޑިމަކްރަޓިކް ޕާޓީގެ ޓިކެޓް ހޯދުމަށް އޭނާ ވަނީ މަސައްކަތްފުޅު ކުރައްވާފައެވެ. ނަމަވެސް ފަހުން ބައިޑަންވަނީ ރިޔާސީ ރޭހުން އޭނާގެ ނަން ނަންގަފާއެވެ. ރޭހުން ނަން ނެގުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ކެންޕެއިން ރެލީގައި ދެއްވި އިންޓަރވިއުއެއްގައި، އޭރު އިނގެރޭސި ވިލާތުގެ ލޭބަރ ޕާޓީގެ ލީޑަރ ނީލް ކިނެޓް ސްޕީޗް ކޮޕީ ކުރެއްވުމެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ރޭހުން ނުކުތުމަށް ޖޯ ނިންމިއެވެ.

2008 ވަނަ އަހަރު ކުރިމަތި ލެއްވުން

ދެވަނަ ފަހަރަށް ޖޯ ބައިޑަން ވެރިކަން ހޯދުމަށް މަސައްކަތް ފެއްޓެވި 2008 ވަނަ އަހަރުގައެވެ. ޑިމަކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް އޭރު މަސައްކަތް ކުރެއްވިއިރު، ޖޯ ބައިޑަންއަށް އޭރު މާ ބޮޑު ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އެފަހަރު އެ ޕާޓީގެ ޓިކެޓް ހޯއްދެވީ، އެއަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބަރަކް އޮބާމާއެވެ.

2020 ވަނަ އަހަރު ކުރިމަތި ލެއްވުން

2008 ވަނަ އަހަރު ރިޔާސީ ޓިކެޓް ބައިޑަންއަށް ލިބިވަޑައިނުގަތް ނަމަވެސް، އެއަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ބަރަކް އޮބާމާއާއެކު ބައިޑަންވަނީ ވާދަކޮށް އިންތިޚާބުވެ ވަޑައިގެންފައެވެ. އަދި އޮބާމާގެ ވެރިކަމުގެ 2 އަހަރުގައިވެސް ނައިބު ރައީސްކަން ކުރެއްވީ ޖޯ ބައިޑަންއެވެ. މިއާއެކު އެމަނިކުފާނަށް ގިނަ ބައެއްގެ ތާޢީދު ލިބިގެންދިޔައެވެ. މިއަހަރުގެ ރިޔާސީ ޓިކެޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވީ މާ ބޮޑު ކުރިމަތި ލެއްވުމަކާ ނުލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!