ކޮވިޑް-19: ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް ނަގަން ފަށަނީ

ރިސޯޓުތަކާއި އެހެން ފަތުރުވެރި ފެސިލިޓީތަކުގެ ރޭންޑަމް ކޮވިޑް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަން މިނިސްޓަރ މައުސޫމް ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ސާމްޕަލް ނަގަން ފަށާނީ ކޮންއިރަކު ކަމެއް މިނިސްޓަރ ހާމަ ކުރައްވާފައެއް ނުވެއެވެ.
ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ރޭންޑަމް ސާމްޕަލްތަކެއް ނެގުމަށް ނިންމާފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ޑޭޓާތައް ދައްކާ ގޮތުގައި ރާއްޖޭގެ 30 ރިސޯޓަކުން 52 ފަތުރުވެރިއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެތަންތަނުން ކޮވިޑަށް ފައްސިވީ މުވައްޒަފުންގެ އަދަދު 120 އަށް އަރައެވެ.