ދީން

މަރަށް ފިލަން ދުވި މީހާގެ ވާހަކަ!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ލިބި ގަންނާނެއެވެ. ބޭނުންވިޔަސް ނުވިޔަސް އަދި ތިމާގެ ރުހުމުގައި ވެސް ނުރުހުމުގައި ވެސް ވަގުތު ހަމަވުމުން ތިބާގެ މަރު ތިބާ ބަލައި އަންނާނެއެވެ. އެއަށް އެއްވެސް އިންސާނަކަށް އިންކާރެއް ނުކުރެވޭނެއެވެ. މިވާހަކައަކީ މިފަދައިން މަރަށް ފިލަން ދުވި މީހެއްގެ ވާހަކައެވެ.

Ads by STELCO

ސުލައިމާން ޢަލައިހިއްސަލާމަކީ ވަރަށް ބޮޑު ވެރިކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ނަބީ ބޭކަލެކެވެ. މިގޮތުން އިންސީންނާއި ޖިންނީން، ވަލުޖަނަވާރާއި ދޫނިސޫފާސޫފި އަދި ވަޔާ ކަނޑުތައް ވެސް އެކަލޭގެފާނަށް ކިޔަމަންތެރި ކޮށްދެއްވިއެވެ.

އެއްދުވަހަކު ސުލައިމާން ޢަލައިހިއްސަލާމުގެ ދަރުބާރުގައި އިންނެވި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލަކަށް އެދުވަހުގެ ކުރީން ދުވަހަކު ވެސް ދެކެފައިނުވާ މީހަކު އެދަރުބާރުގައި، އިންނަވައި އެކަލޭގެފާނާ ދިމާއަށް ބަލަމުން ދާކަން ފާހަގަ ކުރެވުނެވެ. ދުވަހުގެ ދަރުބާރު ނިމުމުން ޞަހާބީ، ސުލައިމާން ޢަލައިހިއްސަލާމުގެ އަރިހުގައި ސުވާލު ކުރެއްވިއެވެ. "އެއީ ކޮން ބޭކަލެއްތޯއެވެ؟" ސުލައިމާން ޢަލައިހިއްސަލާމް ޖަވާބުގައި ވިދާޅުވިއެވެ. އެއީ މަރު ހިއްޕަވާ މަލާއިކަތާއެވެ. ޞަޙާބީ ދެންނެވިއެވެ. އެކަލޭގެފާނު ބަލަމުން ދިޔަ ގޮތުން ހީވަނީ އަޅުގަނޑުގެ ފުރާނަ ހިއްޕަވާން އުޅުއްވާހެންނެނެވެ. އެހެންވެ ވަރަށް ބިރު ގަނެއެވެ. ސުލައިމާން ޢަލައިހިއްސަލާމު ވިދާޅުވިއެވެ. އެހެންވީއިރު ތިމަންކަލޭގެފާނު ކޮށްދެއްވަންވީ ކޮން ކަމެއްތޯއެވެ؟ ޞަޙާބީ ދެންނެވިއެވެ. ވައިރޯޅީގެ ޒަރިއްޔާއިން ތިމަންކަލޭގެފާނު ހިންދުކަރައިގެ(އިންޑިއާ) އެންމެ ދުރު ހިސާބަށް ފޮނުއްވައި ދެއްވާށެވެ. ޞަޙާބީ އެދިވަޑައިގެން ގޮތަށް ސުލައިމާން ޢަލައިހިއްސަލާމް އެ ޞަޙާބީ ހިންދުކަރައިގެ އެންމެ ދުރު ހިސާބަށް ފޮނުއްވިއެވެ.

ބަޔާންވެގެން ދިޔަ ޙަދީީޘަށް ފަހު އެއްދުވަހު އަނެއްކާވެސް ސުލައިމާން ޢަލައިހިއްސަލާމް އާއި މަލަކުލް މައުތުގެފާނު ބައްދަލުވެވަޑައިގަތެވެ. ސުލައިމާން އަލައިިއްސަލާމް މަލަކުލްމައުތުގެފާނު އަރިހުން ސުވާލު ކުރެއްވިއެވެ. "އެދުވަހު ތިމަންކަލޭގެފާނުގެ ޞަޙާބީއަށް އެެގޮތަށް ބައްލަވަން އިންނެވީ ކީއްވެގެންތޯއެވެ؟ މަލަކުލް މައުތުގެފާނު ވިދާޅުވިއެވެ. މާތްﷲ ތިމަން ކަލޭގެފާނަށް ޢަމުރު ކުރައްވާފައި ވަނީ އޭނަގެ މަރު ހިންދުކަރައިގެ އެންމެ ދުރުހިސާބުން ހިއްޕެވުމަށެވެ. އެހެންވެ އޭނާ މިރަށުގައި(ފަލަސްތީނުގެ ޖެރޫސަލަމުގައި) ހުންނަވަނިކޮށް ފެނިވަޑައިގެން އެކަމާ ޙައިރާން ވެވަޑައިގަތީއެވެ. އެގޮތަށް ބަލަން އިންނެވި ސަބަބީ އެއީއެވެ.

މަރަށް ބިރުން ފިލަން އުޅުނު މީހާ އޭނަގެ އަމިއްލަ އިޚުތިޔާރުގައި، ބޭނުންވެގެން މަރާ ދިމާއަށް ދިޔައީއެވެ. އޭނަގެ އަޖަލު ހަމަވެ ފުރާނަ ހިއްޕަވަން ހަމަޖެހިފައިވާ ތަނަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ ހާޟިރު ކުރެއްވީއެވެ.

އޭ ނިކަމެތި އިންސާނާއެވެ، ތިމާ ކިތަންމެ މަރާއި ބިރުން ފިލަން ދުވި ކަމުގައިވީ ނަމަވެސް އެކަމެއް ހަމަ ހިލާ ނުވާނެއެވެ. ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ބޭނުންވިޔަސް، ނުވިޔަސް ތިމާގެ އަޖަލު ހަމަވުމުން ދުނިޔޭގެ ހުރިހާ އުފަލަކާއި، އަރާމާއި ލައްޒަތުތަކެއް ދޫކޮށްފައި ޖެހޭނީ ދާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!