ޚަބަރު

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ބަލި ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 39 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފައްސިވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެން މިއަދު މެންދުރުފަހު 3:50 ގައި ނިޔާވެފައިވާ ކަމަށެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

އެޗްޕީއޭގެ އެންމެ ފަހުގެ ޑޭޓާތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 11،893 މީހުން ފައްސި ވެފައިވެއެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮަށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި މިހާރު 23:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 4:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 22:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 23:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 4:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!