ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތައް، ދެވަނަ ކުއާޓަރަށް ވުރެ އިތުރުވެއްޖެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 179 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅިފައި ވަނީ ގެވެށި އަނިޔާގެ 111 މައްސަލައެވެ.
ގެވެށި އަނިޔާގެ އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވަނީ މާލެ ސަރަހައްދުންނެވެ.
ތިން ވަނަ ކުއާޓާރުގައި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޖުމްލަ 242 މީހެއް ވަނީ ގެވެށި އަނިޔާ ލިބިފައެވެ. އޭގެ ތެރޭގައި 182 އަންހެނުންގެ އިތުރުން 60 ފިރިހެނުން ހިމެނޭއިރު، 18 އަހަރުން ދަށުގެ 92 ކުދިން ހިމެނެއެވެ.
މައްސަލަތަކުގައި ހިމެނޭ ގެވެށި އަނިޔާގެ ބާވަތްތަކުގެ އަދަދަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުން އަދި ބިރުދެއްކުމުގެ އިތުރުން ޖިންސީ އަނިޔާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމެވެ.