ކޮވިޑް-19: މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭ ވަގުތު އިތުރުކޮށްފި

މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ރޭގަނޑު ބޭރުގައި އުޅެވޭ ވަގުތާއި އެއްގަމު އުޅަނދުފަހަރު ދުއްވޭ ވަގުތު ވެސް އިތުރު ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅޭގޮތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި މާދަމާއިން ފެށިގެން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި ބޭރުގައި އުޅުން މަނާވާ ވަގުތަކީ ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަަށް ކަމަށެވެ.
ކުރިން އެޤަވާއިދުގައި އޮންނަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް އެއްގަމު އުޅަނދު ދުއްވުމާއި ބޭރުގައި އުޅުން މަނާވާ ގޮތަށެވެ.
ރާއްޖޭގައި ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމުން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުރިން މާލެ ސަރަޙައްދު ފުރަބަންދު ކުރުމަށްފަހު ފަހުން ވަނީ ރޭގަނޑު 10:00 ން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި ބޭރުގައި އުޅުން މަނާ ކޮށްފައެވެ.
ފަހުން އެޤަވާއިދު ވަނީ ރޭގަނޑު 11:00 ން ފަތިހު 4:00 އަށް ބަދަލު ކޮށްފައެވެ. އަދި މިރޭ ބަދަލު ކުރީ ރޭގަނޑު 12:00 ން ފަތިހު 4:00 އަށެވެ.