މިފަދަ ލޯތްބެއް ތިބާގެ ހިތުގައި އެބައޮތް ހެއްޔެވެ؟
ތިބާގެ ޚިޔާލުގައި އަބަދު ވެސް އެމީހެއްގެ ތަސްވީރު ކުރެވިފައިވާ ފަދަ ޚާއްޞަ މީހަކު ވޭ ހެއްޔެވެ؟ އަބަދު ވެސް އެމީހެއް މަތިން ހަނދުމަ އާވާ ، އެމީހަކާ ބައްދަލުވާން އަބަދުމެ އެދޭ ފަދަ މީހަކު ވޭ ހެއްޔެވެ؟ މިފަދަ ވަރުގަދަ ލޯތްބެއް އެެއްވެސް މީހަކަށް ދެވިފައިވާ މީހަކު ވޭ ހެއްޔެވެ؟ އެމީހެއް ފެނުމުން ނުވަތަ އެމީހެއްގެ ވާހަކަ ދެއްކުމުން ލޯބީގެ އަސަރު ލޮލުން ފާޅުވާ މީހަކު ވޭބާވައެވެ؟
މިދަންނަވާ ފަދަ ލޯތްބަކީ ކޮބައިކަން ނޭނގޭނަމަ މައިކަލް ޖެކްސަންގެ ސަޕޯޓަރެއް ގާތުން ސުވާލު ކޮށްލައްވާށެވެ. މައިކަލް ޖެކްސަން ސްޓޭޖަކަށް އަރައި އަތް ހޫރާލުމުން ލޮލުން ފާޅުވާ ލޯބި އެމީހަކަށް އެނގޭނެއެވެ. ނުވަތަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ނަން އެމީހާގެ ޓީޝާޓްގެ ފަހަތުގައި ޖަހާ ، އެމީހާގެ ހެޔަރ ސުޓައިލްްއާ އެއްގޮތަށް އިސްތަށިގަނޑު ފަރުމާކޮށްގެން އެހުރި ޒުވާނާ އެ ވަނީ މިދަންނަވާ ފަދަ ލޯތްބެކެވެ. އާދެ! ކުރުކޮށް ދަންނަވާ ނަމަ މި ދަންނަވަނީ އެމީހެއްގެ ކޮންމެ ކަމަކަށް ލޯބިކޮށް އެމީހެއްގެ ކޮންމެ ފިޔަވަޅަކަށް ތަބާވާ ފަދަ ލޯތްބެކެވެ.
އެކުވެރީންނެވެ. މިދަންނަވާ މީހުންނަކީ އެމީހުންގެ ފުށުން ތިޔަބައި މީހުންނަށް އެއްވެސް ފައިދާއެއް ކުރާނޭ މީހުންނެއް ނޫނެވެ. ހިތުގައި އެމީހާއަށް ތިޔަ އޮތް ލޯތްބަކީ އެއްވެސް އަގެއް އޮތް ލޯތްބެއް ނޫނެވެ.
އަގުހުރި ލޯތްބަކީ ތިބާއަށް ޓަކައި ހެޔޮ އެދޭ މީހުންގެ ލޯތްބެވެ. ތިބާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދޭ މީހުންގެ ލޯތްބެވެ.
އެކުވެރީންނެވެ. އެފަދަ މީހުންގެ ތެރޭގައި އެންމެ ހެޔޮ އެންމެ މާތް ސާހިބަކީ އަޅަމެންގެ ޙަބީބް މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. ބިރުވެރި ނާމާން ދުވަހުގައި އެބަހީ ޤިޔާމަތް ދުވަހުގައި އެންމެން ނަފްސީ ނަފްސީ ޙާލަތުގައި ވަނިކޮށް އުއްމަތަށް ޝަފާޢަތްތެރިވާނެ ބޭކަލަކީ އެކަލޭގެފާނެވެ.
ޞަހީޙް މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ. ލޮބުވެތި ޙަބީބު މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއް ރެއެއްގައި ދުޢާ ދަންނަވަމުން ގެންދެވިއެވެ. ޔާﷲ! މިއަޅާގެ އުއްމަތެވެ. މިއަޅާގެ އުއްމަތެވެ. އުއްމަތަށް ޓަކައި އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ވަރުގަދަ ލޯބީގެ އަސަރުގައި ކަރުނަފޮދު އޮހޭ ޙާލުގައި އިތުރު ބަސްފުޅެއް ވިދާޅުނުވެވި ދުޢާ ދަންނަވަމުން ގެންދެވިއެވެ. މިގޮތުގައި ހޭދަ ކުރައްވަނިކޮށް ޖިބްރީލް އަމީން ބިމަށް ފައިބާ ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިބާދެކެ ލޯބިވެ ވޮޑިގަންނަވާ ފަދައިން ތިބާގެ އުއްމަތާމެދު ﷲ ކަންތައް ކުރައްވާވާނެއެވެ. އަދި ތިބާއާ މެދު ދެރަ ގޮތަކަށް އެއިލާހު ކަންތަކެއް ނުކުރައްވާނެއެވެ.
އެކުވެރީންނެވެ. ސުވާލަކީ ތިބާގެ ދިރިއުޅުން ބައްޓަން ކުރަނީ ކިހިނެއްތޯއެވެ. ތިބާއާ މެދު ފިކުރު ބޮޑުވެލައްވާ ބޭކަލެއް މާޔޫސްކޮށްލާނަން ހެއްޔެވެ. ޝައްކެއް ނެތްގޮތުގައި އެމީހެއްގެ ލޯބީގައި އަހަރެމެން ފިދާ ވާންވީ ކީރިތި ރަސޫލާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށެވެ. ހުރިހާ ކަމެއްގައި އަހަރެމެންނަށް އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނެވެ.