އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޝަރީޢަތްތައް ލައިވް ކޮށްދިނުމަށް ޕީޖީ އެދިވަޑައިގެންފި

ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް އެދިވަޑައިގެންފިއެވެ.
ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމައްސަލައިގެ އަޑުއެހުންތައް މިހިނގާ ނޮވެމްބަރުމަހު ކްރިމިނަލް ކޯޓުގައި ފަށާއިރު، އެއަޑުއެހުންތައް ލައިވް ސްޓްރީމްކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ އެފަދައިން އެދިލެއްވީ މިމައްސަލަ ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި މި އިންތިޒާމު ކޯޓުން ހަމަޖައްސަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް އެދިވަޑައިގެންފައިވާއިރު، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ޕީޖީ ޝަމީމް ވަނީ ރާއްޖޭގައި ވައްކަމާއި ޚިޔާނާތަކީ މީހުން ބިރު ގަންނަ ވަރުގެ ކަމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.