ޝަޒީލާގެ އެކައުންޓު ވެރިފައި ވުމާއެކު އަނެއްކާ ވެސް ގިނަ ވީޑިއޯތައް ފެންނާނެކަމުގެ އުންމީދު އިތުރުވެއްޖެ!

ޓިކްޓޮކް އިން މިހާރު ރާއްޖޭގެ އެކި ފަންނާނުންގެ އެކައުންޓުތައް އަންނަނީ ވެރިފައި ވަމުންނެވެ.
އެގޮތުން މަޝްހޫރު ފިލްމީތަރި އަލީ ސީޒަން އާއި މަރިޔަމް އައްޒަ އަދި ޢަބްދުﷲ މުއާޒް ގެ އެކައުންޓު ވެސް ވެރިފައިވެފައިވާއިރު، ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައީ "ޓިކްޓޮކް ކުއީން" ގެ ލަގަބު ދީފައިވާ ފާތިމަތު ޝަޒީލާގެ އެކައުންޓު ވެރިފައި ނުވެ ހުރުމެވެ.
ނަމަވެސް އިއްޔެ ޝަޒީލާއަށް ވެސް މިވަނީ އެކާމިޔާބީ ލިބިފައެވެ. ޓިކްޓޮކުން ވަނީ އޭނަގެ އެކައުންޓު ވެސް ވެރިފައި ކޮށްދީފައެވެ.
އޮންލައިން ނޫހަކަށް މީގެ ކުރިން ޝަޒީލާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މިހާރު ކައިވެންޏެއް ކޮށްގެން އުޅޭތީ އާއި އޭނާ މަސައްކަތް ކުރާ ލުއަރ ސެލޫންގެ މެނޭޖަރުކަން ލިބިފައިވުމުން ދިރިއުޅުން ވަރަށް ބިޒީ ކަމަށެވެ.
އެހެން ނަމަވެސް އެކައުންޓު ވެރިފައި ވުމުން ހަމަ އެނޫހަށް މައުލޫމާތު ދެމުން ޝަޒީލާ ބުނެފައި ވަނީ ދެން ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް ޓިކްޓޮކަށް ވެސް ވަގުތު މިހާރަށް ވުރެ ބޮޑަށް ދޭނެ ކަމަށާއި މިއީ ވެސް އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޓިކްޓޮކް ކުޅެމުން އައިސްފައިވާ ޝަޒީލާގެ 338،000 އަށްވުރެ ގިނަ ފޮލޯވަރުން ޓިކްޓޮކްގައި މިހާރު ވެސް އެބަތިއްބެވެ. މީގެ އިތުރުން އޭނަގެ ވީޑިއޯތަކަށް 2.8 މިލިއަން ލައިކްސް މިހާތަަނަށް ލިބިފައިވެއެވެ.

ޓިކްޓޮކްގައި ތަފާތު ކޮންޓެންޓުތައް އުފެއްދުމުގެ އިތުރުން ޝަޒީލާއަކީ ހުނަރުވެރި މޭކަޕް އާޓިސްޓެކެވެ. އެގޮތުން އިންސްޓަގްރާމްގައި ޝަޒީލާ އަންނަނީ ބައެއް މޭކަޕް ޓިއުޓޯރިއަލްތައް ވެސް ބެލުންތެރިންނަށް ގެނެސް ދެމުންނެވެ.