މާތް ﷲ އަށްޓަކައި، ދަރިފުޅުގެ ގާތިލަށް މާފުކުރި ބައްޕައެއްގެ ވާހަކަ
ބައްޕައަކު ކޯޓު ތެރޭގައި އޭނާގެ ދަރިފުޅުގެ ގާތިލު ގައިގާ ބައްދާލާ، އިސްލާމްދީނަށްޓަކައި އަދި ހެއްދެވި ފަރާތަށްޓަކައި އެމީހާއަށް މާފުކުރިއެވެ.
ޓްރޭ ރެލްފޯޑް ނަމަކަށް ކިޔާ ގާތިލު އަށް ވަނީ 31 އަހަރުގެ ޖަލުގެ ހުކުމަކާ ކުރިމަތިލާން ޖެހިފައެވެ. އޭނާ ވަނީ ލެކްސިންގޓަން ކެންޓަކީ ޕިއްޒާ ހަޓްގައި ޕިއްޒާ ޑެލިވަރ ކުރަން އުޅުނު އުމުރުން 22 އަހަރުގެ ސަލާޙުއްދީން ޖިޓްމައުޑް ނަމަކަށް ކިޔާ މުސްލިމެއް މަރާލި ކަމަށް، ކޯޓުގައި އެއްބަސް ވެފައެވެ.
އެރޭ ސަލާޙުއްދީންގެ ޑިއުޓީގައި އޯޑަރު ދިން އެންމެ ފަހު ޕިއްޒާ ޑެލިވަރ ކުރަން ދަނިކޮށް، ރެލްފޯޑް ވަނީ އޭނާއަށް ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ސަލާޙުއްދީން ގަތުލު ކޮށްލާފައެވެ. ކޯޓުގައި އޭނާ ބުނީ، ރެލްފޯޑް އެރޭ ފުރަތަމަ ރާވައިގެން ހުރީ ސަލާޙުއްދީންގެ އަތުގައި ހުރި ފައިސާއާއި އެނޫން ވެސް ތަކެތި ފޭރިގަންނަން ކަމަށެވެ. އެއްގޮތަކަށް ވެސް އޭނާ މަރާލާކަށް ނޫނެވެ.
މިހާދިސާ ހިނގީ 2017 ވަނަ އަހަރުގައެވެ. ރެލްފޯޑް ހައްޔަރުކޮށް މިމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ސަލާޙުއްދީން ގެ ބައްޕަ ޑރ. ސޮމްބަޓް ޖިޓްމައުޑް ވަނީ ރެލްފޯޑްއަށް މާފު ކޮށްފި ކަމަށް ވިދާޅުވެ މުޅި ކޯޓްރޫމުގައި ތިބި އެންމެ ރޮއްވާލާފައެވެ.
"އިސްލާމްދީނުގެ ހަމަތަކުގައިވާ ގޮތުގެ މަތިން، މީހަކާއި މެދު އިހާނެތިކޮށް ކަންތައް ކޮށްފި މީހާއަށް އެމީހެއްގެ ފަރާތުން މާފު ލިބިގެން ނޫނީ މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވާނެ" ޑރ.ސޮމްބަޓް މިހެން ވިދާޅުވި ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓު ކޮށްފައެވެ.
"އަހަރެން ކަލޭ ދެކެ ރުޅިއެއް ނާދޭ. އަހަރެން ރުޅި އަންނަނީ އެޝައިޠާނާ ދެކެ. އެއީ ކަލޭ ނުބައި މަގަށް އަޅުވާ ކަލެއަށް ހެވާއި ނުބައި އޮޅުވާލި ފަރާތަކީ އެޝައިޠާނާ ކަމަށް ވާތީ" ސަލާޙުއްދީންގެ ބައްޕަ ޑރ. ސޮމްބަޓު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ "އަހަރެން ކަލެއަށް މާފު ކޮށްފިން. ކަލެއާއި މެދު ކަންތައްތައް ކުރާނެ ގޮތެއްގެ ނިޔާ ކަނޑައަޅުއްވާނީ މާތް ﷲ. އެކަލާނގެއަށް އެކަލާނގެ ތަޤްވާވެރިން އިތުބާރު ކުރައްވާނެ" މިހެންނެވެ.
މީގެ އިތުރުން ޑރ. ސޮމްބަޓް ވިދާޅުވެފައިވަނީ މާފް ކުރުމަކީ އިސްލާމްދީނުގެ ރިވެތި އާދަކާދައިގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމަށާއި އެއީ އެކަކު އަނެކަކަށް ދެވޭ ސަދަޤާތެއް ކަމަށެވެ.
ކޯޓުގައި މިހެން ވިދާޅުވުމަށްފަހު ސަލާޙުއްދީންގެ ބައްޕަ ރެލްފޯޑާއި ސަލާމްކޮށް އޭނާގެ ގައިގާ ބައްދާލިއެވެ. ރެލްފޯޑް ވެސް އެވަގުތު ހުރީ ރޮވިފައެވެ. ރެލްފޯޑާއި އޭނާގެ މަންމަ ވަނީ ސަލާޙުއްދީން ގެ ކިބައިން ވެސް މާފަށް އެދި ދުޢާ ކޮށްފައެވެ.