އަރްޖުން ރާމްޕާލްގެ ގެތައް ފާސްކޮށް، ތަހުގީގަށް ބައެއް ތަކެތި ގެންގޮސްފި

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެކްޓަރ/މޮޑެލް އަރްޖުން ރާމްޕާލްގެ ގެތައް ވެސް ބަލައި،ފާސްކޮށް ތަހުގީގަށް ބައެއް ތަކެތި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ގެންގޮސްފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާގޮތުގައި އަރްޖުންގެ ގެތަކުގެ ތެރެއިން އެންސީބީން މިދިޔަ ހޯމަ ދުވަހު ބަލައި ފާސް ކޮށްފައިވަނީ މުމްބައިގެ އަންދޭރީ އާއި ޚާރް އާއި ބާންޑްރާގައި ހުންނަ އޭނާގެ ގެތަކާއި އޮފީހެވެ.
އަރްޖުން ރާމްޕާލްގެ ގެތައް ބަލައި،ފާސް ކުރުމަށްފަހު އެންސީބީން ތަހުގީގަށް ގެންގޮސްފައި ވަނީ އޭނާގެ އައިޕެޑާއި، ލެޕްޓޮޕްތަކަކާއި، ފޯނުތަކުގެ އިތުރުން އެހެންވެސް ބައެއް އިލެކްޓްރޯނިކް ސާމާނެވެ.
މީގެއިތުރުން އެންސީބީން ވަނީ އަރްޖުން ރާމްޕާލް އާއި އޭނަގެ ބައިވެރިޔާ ގެބްރިއެލްއާ ސުވާލު ކުރުމަށް ހާޒިރު ކޮށްފައެވެ. އަދި މިއަދުގެ ވަގުތެއްގައި އިތުރު ސުވާލު ކުރުން ތަކަކަށް ވެސް އެދެމީހުން ހާޒިރުވާން އަންގާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެންސީބީން ވަނީ އަރްޖުން ރާމްޕާލްގެ ޑްރައިވަރު މިދިޔަ ހޯމަ ދުވަހު ތަހުގީގަށް ސުވާލު ކުރުމަށް ހާޒިރުކޮށްފައެވެ.
ސުޝާންތުގެ މަރާއެކު އެންސީބީން ފަށާފައިމިވާ މަސްތުވާތަކެތީގެ މައްސަލައިގައި، ބޮލީވުޑްގެ އެހެންވެސް ބައެއް ފުންނާބު އުސް ފަންނާނުންތަކެއް ފުލުހުން ވަނީ ހާޒިރު ކޮށްފައެވެ. އޭގެ ތެރޭގައި ހައި ޕްރޮފައިލް އެކްޓްރެސް ދީޕިކާ ޕަދުކޯން އާއި ސާރާ ޢަލީ ޚާން އަދި ޝްރައްދާ ކަޕޫރްވެސް ހިމެނެއެވެ.