ހަގީގީ ހާދިސާ: ހަގީގީ ލޯތްބަކީ މިއީ! ބައްޕަ އިޚްތިޔާރުކޮށްދިން ތަޤުވާވެރި އަނބިމީހާ ، ރީތި މީހެއްގެ ގޮތުގައި ސިފަވެގެން ދިޔަ!
ކައިވެނީގެ ގުޅުމަކީ މަތިވެރި މުޤައްދަސް ގުޅުމެކެވެ. މި ގުޅުމަކީ ދަރިފަސްކޮޅެއްގެ ސިލްސިލާ ބޮޅެއް ކަމަށްވީއިރު ބައިވެރިޔާއެއް ހޯދުމުގައި ބަލަންވީ ހެޔޮލަފާ މީހެއްކަމުގައި ވޭތޯއެވެ. އެފަދަ މީހެއްކަމުގައި ވެއްޖެނަމަ ކައިވެނީގެ ގުޅުން ވަރުގަދަވެ ދެމީހުންގެ މެދުގައި އޮންނަ ލޯބީގެ ގުޅުން ވަރުގަދަ ވެގެންދާނެއެވެ. ރީތިކަމުގެ ސިފަ ބައިވެރިޔާގެ ކިބައިން ފެންނާނެއެވެ.
މިއީ އެފަދައިން ކަން ހިނގި ޙަޤީޤީ ވާހަކައެކެވެ. ޝައިޚް ކަރީމް އަބޫ ޒައިދުގެ ދަރުހެއްގައި މި ވާހަކަ ކިޔައިދީފައިވެއެވެ.
އާމްދަނީ ހޯދުމަށް އެކުވެރި އަރަބި ޢިމާރާތަށް ދިރިއުޅުން ބަދަލު ކުރި މިސްރުގެ ޒުވާނެކެވެ. އެގައުމަށް ދިރިއުޅުން ބަދަލުކުރި އިރު ފަގީރު މީހެއް ނަމަވެސް ހަތަރު އަހަރު މަސައްކަތްކުރިއިރު އޭނާ ވަނީ ފައިސާ ރައްކާކޮށް ޒަވާޖީ ޙަޔާތެއް ފަށަށް ތައްޔާރުވެފައެވެ.
އޭނާގެ ބައްޕައަކީ މިސްކިތެއްގެ އިމާމެކެވެ. ހެޔޮލަފާ ޒުހުދުވެރި މީހެކެވެ. ޒުވާނާ ޒަވާޖީ ޙަޔާތެއް ފަށަށް ތައްޔާރުވުމާއެކު އެޚަބަރު ބައްޕައަށް ދިނެވެ. ބައްޕާއެވެ. އަހަރެން މީހަކާ އިންނަށް ބޭނުންވެއެވެ. އަހަރެން އިންނާނެ މީހަކު ހޯދައިދޭށެވެ. އަދި ކައިވެނީގެ ތައްޔާރީތައް ބައްޕަ ކޮށްދޭށެވެ. ތައްޔާރީތައް ހަމަޖެހުމުން އަހަރެން ބައްޕަގެ ގާތަށް ދާނަމެވެ.
ބައްޕައަށް އޮތް އިތުބާރާއެކު އޭނާ ހުރިހާކަމެއް ބައްޕައަށް ދޫކޮށްލިއެވެ.
ކައިވެނީގެ ތައްޔާރީތައް ހަމަޖެހި މި ޒުވާނާ މިސްރަށް އަތުވެއްޖެއެވެ. އަދި އޭނާގެ ބައްޕަ އޭނާއަށް އިޚްތިޔާރު ކުރި ތަޤްވާވެރި ކުއްޖާއާއި ކައިވެނިކޮށްފިއެވެ.
ކައިވެނީގެ ފުރަތަމަ ރެއެވެ. އަނބިމީހާ މޫނު ބުރުގާ ނެގުމާއެކު ޒުވާން ފިރިމީހާއަށް ޝޮކެއް ލިބިގެން ދިޔައެވެ. އަންހެން މީހާއަކީ ބަލާލަން ރީތި މީހަކަށް ނުވުމާއެކު އޭނާ ހާސްވެ ކަންބޮޑުވިއެވެ. އަދި އެތައް ޝަކުވާއެއް އޭނާގެ ހިތުތެރޭގައި އުތުރެން ފެށިއެވެ. ''މިއީތަ ބައްޕަ އަހަންނަށް ހޯދައިދޭން އެނގުނު ކުއްޖަކީ؟ މީނައަށް ވުރެ ރީތި ކުއްޖެއް ބައްޕައަށް ނުފެނުނީތަ؟ މިފަދަ ޝަކުވާތަކުން އޭނާ މާޔޫސްކޮށްލިއެވެ. އެއާއެކު އަނބިމީހާއާއި އެއްވެސް ވާހަކައެއް ނުދައްކާ އޭނާ ނިދިއެވެ.ނަމަވެސް ފިރިމީހާގެ އިޙްސާސްތައް އަނބިމީހާއަށް އެނގުނެވެ.
އެރޭގެ ދަންވަރުގެ ވަގުތެވެ. ރޭގެ ފަހުބައެވެ. އަނބިމީހާ ހޭލާ ފިރިމިހާއަށް ގޮވާލިއެވެ. ނަމަވެސް ދެތިންފަހަރަކު ގޮވާލުމުން ވެސް ފިރިމީހާއަކަށް ނުހޭލެވުނެވެ. އެންމެފަހުން ފިރިމީހާގެ މޫނަށް ފެންފޮދެއް ވިއްސާލުމާއެކު އޭނާއަށް ހޭލެވިއްޖެއެވެ. އެހިނދު އަނބިމީހާ ބުންޏެވެ. އަހަންނަކީ ރީތި މީހެއް ނޫންކަން އަހަންނަށް އެނގެއެވެ. އަދި ތިބާގެ މާޔޫސްކަމަކީ އެއީ ކަން ވެސް އެނގެއެވެ. ނަމަވެސް އަހަރެން ތިބާއާއި ކައިވެނި ކުރީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ރަސޫލު ޞައްލަﷲގެ ޙަދީޘްފުޅަށް ޢަމަލު ކުރުމަށެވެ. މިހެން ބުނެ އަނބިމީހާ މި ޙަދީޘް ކިޔައިދިނެވެ.
އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުގައި ވެއެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތުގައި ތެދުވެ (ދަމު)ނަމާދު ކޮށް އޭނާގެ އަނބިމީހާ (ދަމުނަމާދު ކުރުމަށް) ހޭލައްވައިފި، މީހަކަށް ﷲ ރަހުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ، އޭނާ އެކަނބުލޭގެ މޫނަށް ފެންފޮދެއް ވިއްސާލައެވެ. (އަދި) ރޭގަނޑުގެ ވަގުތުގައި ތެދުވެ (ދަމު)ނަމާދުކޮށް، އެކަނބުލޭގެ ފިރިމީހާ އަށް ގޮވައި ހޭލައްވައިފި އަންހެނާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ އެކަނބުލޭގެ، އޭނާގެ ފިރިމީހާގެ މޫނަށް ފެންފޮދެއް ވިއްސާލައެވެ”
މި ޙަދީޘް ކިޔައި ދިނުމަށްފަހު ބުންޏެވެ. އަހަރެންގެ ސިފައާއި ހުރެ އަހަރެންގެ ހިތުގައި ކައިވެންޏާއި މެދު ކުރިން ސުވާލު ވެސް އުފެދުނެވެ.
ނަމަވެސް އަހަރެން ތިބާއަށް ޝުކުރުވެރި ވާނަމެވެ. އަހަންނަށްޓަކައި މި ޙަދީޘަށް ޢަމަލު ކޮށްދެއްވާށެވެ. ތެދުވެ އަހަންނާއެކު ތަހައްޖަދު ކޮށްދޭށެވެ. މިއެދުމާއި އެއްގޮތަށް ތެދުވެ ވުޟޫކޮށް އިމާމުވެ އޭނާ ތަޙައްޖަދު ކުރިއެވެ.
ތަހައްޖަދުކޮށް ނިމިގެން އޭނާގެ ފަހަތަށް އެނބުރި ބަލާލިއެވެ. އަދި އޭނާއަށް ފެނުނު އެންމެ ރީތި އަންހެނާ ފަދައިން އޭނާއަށް އަނބިމީހާގެ މޫނު ފެނުނެވެ.
ލޯބިވާ އަޚުންނާއި އުޚުތުންނެވެ. ލޯތްބާއި ރީތިކަމަކީ ﷲ ތިބާގެ ހިތުގައި ލައްވާ ޖަޒުބާތެކެވެ. ނުވަތަ ސިފައެކެވެ. ދެމަފިރިން އެކުގައި ﷲ އަށް ކިޔަމަންވެ އެކުގައި ރޭ އަޅުކަން ކުރައްވާށެވެ. މިފަދަ ތެދުވެރި ލޯތްބެއް ނުވަތަ ރީތި ކަމެއް ތިބާގެ ބައިވެރިޔާގެ ކިބައިން ފެންނާނެއެވެ. މިއަދު އެ ދެމަފިރިންގެ ދަރިންގެ ތެރޭގައި ޤުރުއާން ހިތު ދަސް ދަރިންނާއި ދީނީ ޢިލްމްގެ އަހުލުވެރިން އެބަތިއްބެވެ.
ކައިވެނީގެ ގުޅުމަކީ ގޮންޖެހުން ބޮޑު ގުޅުމެކެވެ. އެއީ ޝައިތާނާގެ ކަޅި އެގުޅުމަކަށް ބޮޑު ގުޅުމެކެވެ. ވީމާ ، ޝައިތާނާއަށް ގުޑުވާނުލެވޭ ފަދަ ތެދުވެރި ލޯތްބެއް ދެމީހުންގެ މެދުގައި ޤާއިމް ކުރާށެވެ. އެފަދަ ގުޅުމެއް އުފެދޭނީ ﷲ އަށް ކިޔަމަންތެރިވެގެންނެވެ. އެއިލާހަށް ކުއްތަން ވެގެންނެވެ. ފިލްމްތަކުން ފެންނަ ''އެންޑް ދޭ ލިވްޑް ހެޕިލީ އެވަރ އާފްޓާ'' ގެ ލޯބީގެ ގުޅުމަކީ އެފަދަ ގުޅުމެކެވެ.