ޚަބަރު

އައްޑޫ ސިޓީގެ ތިން އަވަށެއްގެ ބޮޑުމަގުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސާފޭސް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. 23 ޑިސެމްބަރު 2019ގައި މި މަސައްކަތް ކުރުމަށް ހަވާލު ކުރެވިފައިވާއިރު އެ މަޝްރޫއުއަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫގެ ވެންބޮޅޮފިށި ސްޓޭޑިއަމް ސަރައްދުގައި އޮތް ހާއްސަ ރަސްމިއްޔާތަކާ އެކުއެވެ.

މި މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު މަސައްކަތް ފަށާފައިވާއިރު، މަގުގެ ތާރު ނަގައި އަލުން ތާރު އަޅާނެ ކަމަށާއި އެކަން ކުރާއިރު ގެއަކަށް ނަރުދަމާ ހޮޅި ވައްދަން އަލުން ތާރު ކަނޑަކަން ނުޖެހޭނެކަން ޔަގީންކުރާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވިއެވެ.

މި މަޝްރޫއަކީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެކެވެ. މަސައްކަތް ނިމިގެންދާއިރު، އައްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!