ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއް: ޝިޔާމް
 
                                                    އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުން ދަރުވާލާނެ ބަޖެޓެއް ކަމަށާއި ދެކޮޅު ޖެހޭ ބަޖެޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާ ކޮމިޓީއަށް އޮޑިޓާ ޖެނެރަލްގެ ބޭފުޅުން ހާޒިރުކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އޮޑިޓް އޮފީހުން ބަޖެޓް ކޮމިޓީ އަށް ކަރުދާހެއް ހަމައެކަނި ހުށަހެޅުމުގެ ބަދަލުގައި އެއަށް ވުރެ ފުޅާކޮށް ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާ ހަމައަށް ގެނެސް ދޭންޖެހޭ ކަމަށެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް އޮޑިޓް އޮފީހުން ހުށަހަޅާ ކަރުދާސް އެއްފަރާތް ކޮށްލުމަށްފަހު ސަރުކާރުން ހަދަނީ ބޭނުން ގޮތެއް ކަމަށާއި، ވައްކަންކޮށް ހަރަދު ކުރަން ނުޖެހޭ ދިމާލުން ހަރަދުކޮށް ރައްޔިތުން ދަރުވާލަމުންދާ ކަމަށް ވެސް މެންބަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ މިވާހަކަތަކާ ގުޅިގެން އޮޑިޓް އޮފީހުގެ ބޭފުޅުން ވިދާޅުވީ، އެއޮފީހާއި ހަވާލުކޮށްފައި އޮންނަނީ ބަޖެޓާ ގުޅޭގޮތުން މަޖިލީހަށް ފަންނީ ލަފާ އެރުވުމަށް ކަމަށާއި، ބަޖެޓާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ތައްޔާރުކުރާ ރިޕޯޓު އާންމުންނަށް ވެސް ފެންނާނެ ކަމަށެވެ.
 
   
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
