ޚަބަރު ދީން

އޭ އިންސާނާއެވެ. ތިބާގެ މަރު މަތިން އަބަދުވެސް ހަނދާން ކުރާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ޖަޒީރާ ނިއުސް

ކޮންމެ ނަފުސެއް މަރުގެ ރަހަދެކި، ދުނިޔެއިން ނިމި ދާނެޔޭ

Ads by STELCO

  ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ، ނޫރު ހަމަ ނިވިދާނެޔޭ

އާދޭހެވެ. މަތީގައި އެވާ ޅެންބައިތަކީ ވަރަށް ވެސް މާނަ ފުން ޅެން ބައިތެކެވެ. ހަގީގަތުގައި ވެސް މި ދުނިޔޭގައި މަރުގެ ރަހަ ނުދެކޭނޭ އެއްވެސް ނަފުސެއް ވޭ ހެއްޔެވެ؟ ކޮންމެ ވަގުތަކު ވެސް ކޮންމެ ތަނަކު ވެސް އަދި ކޮންމެ ކަމެއްގައި ހުރި ނަމަވެސް ޙަޔާތް ނިމިދާނެއެވެ. ތިބާގެ މަރު ތިބާއާއި ބައްދަލު ކުރާނެއެވެ. ކޮންމެ މަރަކީ ވެސް ދިރިތިބީންނަށް ކޮށްދެވޭ ހަނދާން ކޮށްދިނުމެކެވެ. ކޮން ކަމެއްގެ ހަނދާން ކޮށްދިނުމަކަށްތޯއެވެ؟ އެމީހުންގެ މަރަކީ ވެސް އެމީހުންނާ ބައްދަލު ކުރާނޭ ކަމެއްކަން ހަނދާންކޮށް ދިނުމެކެވެ. އެމީހުންގެ ކޮންމެ ދުވަހަކީ ވެސް ނިމުމާ ގާތް ވަމުންދާ ދުވަހެއް ކަމެވެ.

ފެންނަ ފެނުމުގައި މީހެއްގެ މަރުވުމަކީ އެމީހެއް އަޅުގަނޑުމެންގެ ތެރެއިން އަބަދުގެ އަބަދަށް ވަކިވެގެން ދިއުމެވެ. އަޅުގަނޑުމެންނާ ވާހަކަދައްކާ އުޅުނު މީހަކު ހިމޭން ވެގެން ދިޔުމެވެ. ލޯމަތިން އެއްކޮށް ގެއްލިގެން ދިއުމެވެ. އެހެން ނަމަވެސް އޭނާގެ އެވަކިވުމާއި، އޭނާގެ އެ ހިމޭންވުން އޭގެ ޒާތުގައި އަޅުގަނޑުމެންގެ ހިތްތަކުގައި އެ އުފައްދައިދެނީ ވަރަށް މުހިންމު ކަމެއްގެ ވާހަކައެވެ. އޭނާގެ އެ ހިމޭންވުން އިޢުލާނު ކުރަމުން އެދަނީ "އަންނަން އޮތް ވަޤުތު އަހަރެންގެ މައްޗަށް އަތުވެއްޖެއެވެ. ދެން މި ވަޤުތު އަންނާނީ ކަލޭމެންގެ މައްޗަށެވެ. އަންނަން އޮތް ވަޤުތަށް ކަލޭމެން ތައްޔާރުވާށެވެ." މި ވާހަކަތަކެވެ. އޭނާ ކޮށްދެމުން އެދަނީ މި ހަނދާންތަކެވެ.

އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަނީ ކޮންމެ މީހެއްގެ ވެސް "ބާތުޑޭ" ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އުފާ ފާޅުކުރުމާ އެކުގައެވެ. އެ މީހެއްގެ ޢުމުރުން އާ އަހަރެއް ފެށޭތީއެވެ. އެ އަހަރުގެ ތެރޭގައި އޭނާއަށް އިތުރު އުފާތަކާއި އަރާމާއި ހިތްހަމަޖެހުން ލިބުން އެދިގެންނެވެ. ނަމަވެސް މިދުވަސް ފާހަގަ ކުރާ އިރުވެސް އެއީ މަރު ހަނދާން ކުރުމުގެ ދުވަހަކަށް ހެދުން މާބުއްދިވެރި ނޫންތޯއެވެ؟ އެއީ ހަމަގައިމު ވެސް އަންނަން އޮތް ކަމެކެވެ. އެކަމާ ބައްދަލުވާން ނުޖެހޭ އެއްވެސް އިންސާނެއް ނިކަން މި ދުނިޔެމަތީން ދައްކަބަލާށެވެ؟

ޙަޤީޤަތުގައި ކޮންމެ ފިރިހެނަކާއި އަންހެނެއްގެ ޢުމުރަކީވެސް ހުއްޓުމެއް ނެތި އޭގެ ކައުންޓްޑައުން ކުރެވެމުންދާ އެއްޗެކެވެ. ޢުމުރުން ކޮންމެ އަހަރެއް ފުރޭ ދުވަހެއް އަންގައިދެމުން އެދަނީ އެމީހެއްގެ ދުނިޔަވީ ޙަޔާތުން، އާދެ، ދިރިއުޅުމުގެ ދަތުރުން އެއް އަހަރު އުނިވެގެން ހިނގައްޖެކަމެވެ. ޙަޔާތުގެ ފޮތުން ދުވަހަކަށް ފަހު ދުވަހެއްގައި އާ ޞަފްޙާއެއް ލިޔެވެމުން ދާކަމެވެ. މެދުކެނޑުމެއް ނެތި ކުރެވެމުންދާ ޢުމުރުގެ މި ކައުންޓްޑައުން ނިމޭނީ ދިރިއުޅުމުގެ ސުންގަޑިއާ އެމީހަކު ބައްދަލުވާ ހިސާބުންނެވެ. އެއީ އެމީހެއްގެ މައްޗަށް މަރު ހުށަހެޅޭ ވަގުތެވެ. އެދުވަހުން ތިބާ ނަމާދު ނުކުރި ނަމަވެސް ތިބާގެ މައްޗަށް އެހެންމީހުން ނަމާދު ކުރާނެއެވެ.

އަޅުގަނޑުމެން އުފަންދުވަސް ފާހަގަ ކުރަނީ ހެޕީ ބާރތުޑޭގެ ގޮތުގައެވެ. ނަމަވެސް ކަމުގެ ޙަޤީޤަތުގެ މައްޗަށް ބުރަވެތިބެ، އަދި، ބުއްދީގެ ހަމަތަކުން ވިސްނައިގެން ތިބެ، އެދުވަސް ފާހަގަކުރާ ނަމަ އަޅުގަނޑުމެންނަށް އެނގިގެންދަނީ ކޮންމެ އާ އަހަރަކީ ހިސާބު ބެއްލެވޭނޭ ދުވަހާ ކައިރިއަށް އާދެވޭ ދުވަހެއް ކަމެވެ. އެދުވަހަށް،  ތައްޔާރުވުމަށްޓަކައި ލިބުނު އެއް އަހަރު މަދުވެގެން ހިނގައްޖެކަމެވެ. އެއީ ދެން އަނބުރާ ގެނެވޭނެ ދުވަސްތަކެއް ނޫން ކަމެވެ. އަދި ކުރިއަށް އޮތީ ކިތައް ދުވަސްކަން ވެސް އެނގެން ނެތްކަމެވެ.

މަރު ބަޔާން ކުރެވޭނެ އެއް ގޮތަކީ އިންސާނާ މިދުނިޔެ ދޫކޮށް ދިއުންކަމުގައެވެ. މަރު ބަޔާންކުރެވޭނެ އަނެއް ގޮތަކީ އިންސާނާ އޭނާ އެދޭ ކަންތައްތައް ފުރިހަމަ ނުވެގެން އުޅެނިކޮށް ދާން ޖެހުން ކަމުގައެވެ. ޙަޤީޤަތުގައި އިންސާނާ އެދޭ ކަންތައްތައް ފުރިހަމަވުން އޮތީ މިދުނިޔޭގައެއް ނޫނެވެ. އެކަންތައްތައް ފުރިހަމަވުމުގެ ދުނިޔެއަކީ ހަމައެކަނި އަންނަން އޮތް ދުނިޔެއެވެ. ބުއްދިވެރިޔަކީ މި ޙަޤީޤަތް ދަންނަ މީހެކެވެ. މިހާރު މިއުޅޭ ދުނިޔެއަކީ އަންނަން އޮތް އަދި ނިމުމެއް ނެތް ދުނިޔެއަށް ދިޔުމަށް އެކަށީގެންވާ މީހަކަށް ވުމަށްޓަކައި ތައްޔާރުވާން އޮތް ދުނިޔެކަން ދަންނަ މީހެކެވެ.

މިދުނިޔޭގައި މިހޭދަކުރާ ދިރުއުޅުމަކީ ޢަމަލުކުރުމަށް ލިބޭ ވަޤުތެވެ. މަރުވުމަކީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ދަރުބާރަށް ހާޒިރުވާން ޖެހުމުގެ ވަޤުތެވެ. ކޮންމެ އިންސާނަކަށްވެސް މިއީ ވަރަށް ބޮޑު ކަމެކެވެ. ބޭނުންވިޔަސް އަދި ނުވިޔަސް އެދުވަހުން ތިމާގެ މަރު ބަލާ އައުމުން ތިބާ ޖެހޭނީ ދާށެވެ. ތިމާގެ ރައްޓެހިންނާ އާއިލާ އަދި ތިމާގެ ލޯބިވެރިޔާ ވެސް ދޫކޮށް ތިބާ ދިއުމަށް މަޖުބޫރުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!