ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު ކުރަން އެބަ ޖެހޭ : ޖާާބިރު
ރާއްޖެއަށް ލިބޭ އާމްދަނީ އިތުރު ކުރަން ޖެހޭ ކަމަށާއި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓާއި މެދުގައި ހިތްހަމަޖެހޭ ކަމަށް މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ރާއްޖޭ އަށް ލިބޭ އާމަދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ދަނޑުވެރިކަމާއި މަސްވެރިކަމަކީ އޭގެ އެއް މިސާލު ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަށް ލިބޭ ގޮތް ހަދައިދީ ހުރިހާ ރަށެއް ތަރައްޤީ ކުރަން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
އާމްދަނީ އިތުރު ކުރަން އެއް ކަމެއްގެ ގޮތުގައި ޖާބިރު ފާހަގަ ކުރެއްވީ ކަނޑު އަޑީގައި ސިޓީއެއް އެޅުމެވެ. މީގެ އިތުރުން ގޭމިން އެންޓަޓެއިންމަންޓް ތަނެއް އޮޕަރޭޓް ކުރުން ވެސް ފާހަގަ ކުރެއްވުއެވެ.
ޖާބިރު ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށެވެ. އަދި ބަޖެޓު ފާސްކޮށް ގައުމައިގެން ކުރިއަށްދާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.