ޚަބަރު

ކުލި ނުދެއްކިގެން 11 ފަރާތެއް ގެއިން ނެރެލާފައިވޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ދިމާވެފައި މާލީ ދަތިކަމުގެ ސަބަބުން މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 11 ފަރާތެއް ކުލި ނުދެއްކިގެން ގެއިން ނެރެލާފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކުލި ނުދެއްކިގެން ގެއިން ނެރެލި 11 ފަރާތަކަށް ސަރުކާރުން ބޯހިޔާވަހިކަމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

"ކުލީގެ ކަންތަކުގައި، 11 މީހަކު މިހާރު ވެސް އެބަތިބި އަޅުގަނޑުމެން ކައިރީގައި ކުލި ނުދެއްކުނީމަ މުޅި އާއިލާ އެއްކޮށް ބޭރުކޮށްލައިފައި. އެ މީހުން ބޭރުކޮށްލައިފައި، ދެން އެތަނަށް މިހާރު ވަންނާނީ ވެސް ކާކުތޯ؟" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އަބަދު ދައްކަމުން ގެންދާ ވާހަކަ އަކީ މިފަދަ ކާރިސާއަކުން ސަލާމަތް ވުމަށް މުޅި އެންމެންގެ އެއްބާރުލުން ބޭނުންވާ ވާހަކަ ކަމަށާއި ސަރުކާރަށް ވެސް ކޮށްދެވޭނީ ވަކިވަރެއް ކަމަށެވެ.

"މި ކަންކަމުގައި ވީވަރަކުން އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން. އެކަމަކު މިހާރު ކަން ކުރާ ގޮތަކުން އަޅުގަނޑުމެން ފަހުން ފަހުރިވެރިވާން ޖެހޭނެ. އެއީ ނަމޫނާ އަކަށް މުޖުތަމައަށް ދެއްކެން ޖެހޭނެ ކަމެއް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ މި ދަނޑިވަޅުގައި ގޭގޭގެ ކުލި ކުޑަކޮށް މާފުކޮށްދެމުން ގެންދާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެން ތިބި ގޭގޭގެ ވެރިން ވެސް އެފަރާތްތަކެކޭ އެއްފަދައިން ނަމޫނާ ދެއްކުމަށް މަބްރޫކް ވަނީ ގޮވާލައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!