ކޮވިޑް-19 ވެކްސިން ހަމަހަމަކަމާ އެކު ހުރިހާ ގައުމަކަށް ލިބޭނެކަން ޔަގީން ކުރަން ޖެހޭ: ސައުދީ ރަސްގެފާނު

ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމަކަށް ލިބޭނެކަން ޔަގީން ކުރަން ޖެހޭ ކަމަށް ސައުދީ ރަސްގެފާނު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖީ20 ގައުމުތަކުގެ މި އަހަރުގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ރަސްގެފާނު ވަނީ ކޮވިޑް ވެކްސިން ހުރިހާ އިންސާނުންނަށް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލާފައެވެ.
އެގޮތުން ހުރިހާ އެންމެނަށް އަގުހެޔޮކޮށް ހަމަހަމަކަމާއެކު ކޮވިޑް ވެކްސިން ލިބޭތޯ ޖީ20 ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސައުދީ ރަސްގެފާނު ވިދާޅުވިއެވެ.
މިއަހަރުގެ ޖީ20 ސަމިޓު ބާއްވަނީ ސައުދީއިން އިސް ނަގައިގެން އޮންލައިންކޮށެވެ. މިއަހަރުގެ ސަމިޓުގައި ކޮވިޑް19 ގެ ބަލިމަޑުކަމާއި ކޮވިޑް ގެ ސަބަބުން ގައުމުތަކަށް އިގްތިސޯދީ ގޮތުން ލިބުނު ގެއްލުންތައް މަޝްވަރާ ކުރާނެއެވެ.