ޚަބަރު

އަދަބު ލުއި ކުރާގޮތަށް 32 ދައުވާއަށް ޒިޔަތު އިއުތިރާފުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އިއުތިރާފުވާން އޭނާ އެއްބަސްވެއްޖެއެވެ.

ދައުވާތަކަށް އިއުތިރާފު ވާން ނިންމުމާއެކު ޒިޔަތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ވަނީ އަނބުރާ ގެންދަވާފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިޖުރާއީ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވި ފަދައިން، މައްސަލަ އަނބުރާ ގެންދަން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ 30 އަށް ވުރެ ގިނަ ދައުވާކޮށްފައިވެއެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އޭނާ މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!