ނާޒިމް ތަޅުމުގައި ނެތީސް، އޭނަގެ ސިސްޓަމުން އެހެން މެންބަރަކު ވޯޓު ދީފި
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެތީސް އޭނާގެ ސިސްޓަމުން ވޯޓު ދީފައިވާ ކަމަށް ދައްކައިގެން، ވޯޓެއް ބާތިލްކޮށް އަލުން އެ ވޯޓު ނަގައިފިއެވެ.
މަޖިލިސް ތަޅުމުގައި ނާޒިމް ނެތްއިރު، އޭނާ ވޯޓު ލާފައިވާ ކަމަށް މިއަދު ދައްކާފައި ވަނީ ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހަޅުއްވި ޔުޓިލިޓީ އޮތޯރިޓީގެ ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށެވެ.
އެރިޕޯޓަށް ވޯޓުލާ ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެވޯޓު ބާތިލު ކަމަަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ "މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތް އިއްޒަތްތެރި މެންބަރެއްގެ ސިސްޓަމް އިން ވޯޓު ދެއްވާފައިވާތީ" ކަމަށެވެ. އެއީ މެންބަރު ނާޒިމްގެ ސިސްޓަމް ކަމަށް ނަޝީދު ފަހުން ވިދާޅުވިއެވެ.
"މިއީ އިއްޒަތްތެރި މެންބަރުން އެއް ގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން. އެއްވެސް އިއްޒަތްތެރި މެންބަރަކު އެހެން އިއްޒަތްތެރި މެންބަރެއްގެ ސިސްޓަމާއި މޭޒު މަތީގައި ހުންނަވާ ތަކެއްޗާ ކުޅުއްވައި ހައްދަވައިގެން ނުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މެންބަރު ނާޒިމްގެ ގޮނޑި ވަށައިގެން ހަތަރު އިއްޒަތްތެރި މެންބަރަކު ތިއްބެވި ކަމަށާއި އެއިން ކޮންމެ މެންބަރަކު ވެސް އިންނެވީ މެންބަރު މުހައްމަދު ނާޒިމްގެ ސިސްޓަމްއަށް އަތް ފޯރޭނެ ހިސާބެއްގައި ކަމަށެވެ. އަދި މެންބަރު ނާޒިމްގެ ސިސްޓަމާ އެތަނުން ކުޅުއްވީ ކޮން މެންބަރެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.