ހިނި ހޮރެއްގައި ރޯކޮށްލަން އުޅުމުގެ ތެރޭގައި ގައިގައި އަލިފާން ރޯވެ އަންހެނަކު މަރުވެއްޖެ
ގޭގައި ހިނި , ހޮރު ހަދައިގެން އުޅުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ގޭގައި ދިރިއުޅޭ މީހުންނަށް އެހާމެ އުނދަގޫ ވެސް ވާ ކަމެކެވެ. އެހެންކަމުން ގޭގައި ހިނި މަދުކުރުމަށް ތަފާތު ކަންކަން މީހުން ކުރެއެވެ. އެ ގޮތުން ބޭސް އަދި ސްޕްރޭ ވެސް ބޭނުން ކުރެއެވެ. އަދި ބައެއް މީހުން ހިނި ހޮރުތައް ނައްތާލުމަށް އަލިފާން ވެސް ރޯ ކުރެއެވެ. މީގެ ނަތީޖާ ބައެއް މީހުންނަށް ވަރަށް ހިތި ވެފައި އެބަހުއްޓެވެ.
އެގޮތުން ދާދި ފަހުން އިންޑިޔާގެ އަވަށެއް ކަމަށްވާ ޗެންނާއީއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެނެއް މިވަނީ މިފަދަ ހިތާމަވެރި ހާދިސާއެއްގައި މަރުވެފައެވެ. ސަންގީތާ ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވެފައި ވަނީ ހިނި ހޮރެއް އަންދާލުމަށް އޭނާ އާއި އޭނާގެ މަންމަ ރޯކުރި އަލިފާން ގައިގައި ރޯވެ ފިހިގެންނެވެ. މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކަރާސީން ތެޔޮ ބޭނުން ކޮށްގެން އަލިފާން ރޯ ކުރިއިރު ތެޔޮ ފުޅި އޮތީ ސަންގީތާ ގެ އަތުގައެވެ. އަދި ހޮރުގައި އަލިފާން ރޯވުމުން ހިނި ތައް އެކި ދިމަދިމާއަށް ދިޔައިރު ބައެއް ހިނިތައް އެރީ އޭނާގެ ފަޔަށެވެ. އެވަގުތު ފައިން ހިނިތައް ފޮޅާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް ތެޔޮ ފުޅި ސަންގީތާ ގެ ގަޔަށް އެޅި އަލިފާން ރޯވީ އެވެ.
ސަންގީތާ ގެ ހަށިގަނޑުން އަލިފާން ނިވާ ލުމަށް އޭނާގެ މަންމަ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވިއެވެ. އަދި އަލިފާނުގެ އަސަރުކޮށް ސަންގީތާގެ މަންމަގެ ހަށިގަނޑު ވެސް ކޮންމެވެސް ވަރަަކަށް އަނދައިގެން ދިޔައެވެ. އަލިފާންގަނޑު ނިވާ ލެވުނީ އޭނާގެ ބައްޕަ އައިސް ކުރި މަސައްކަތުންނެވެ. ނަމަވެސް އޭރު ގިނައިރު ވުމުގެ ސަބަބުން ސަންގީތާ ގެ ހަށިގަނޑުގެ 90 އިންސައްތަ ވަނީ އަނދައިފަ އެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.
ސަންގީތާ މަރުވެގެން ދިޔައިރު އެ އާއިލާގެ ހަރަދުތައް ބަލަހައްޓަމުން ދިޔައީ އޭނާއެވެ. އޭނާގެ ޢާއިލާ ގައި ހިމެނެނީ މަންމަ އާއި ބައްޕަގެ އިތުރުން ފިރިހެން ކޮއްކޮ އެކެވެ.