ޚަބަރު

އާޒިމްގެ ނުސީދާ ބަހުގެ ހަމަލާ ފައްޔާޒަށް: ވިދާޅުވީ ކުރި ވައްކަން އެނގޭކަމަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނުސީދާ ގޮތަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފިއެވެ.

Ads by MWSC

އާޒިމް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މިހާރު ވެސް ސަރުކާރުގެ ދެ ކުންފުންޏެއް އޮތް އިރު އަނެއްކާވެސް އިތުރު ކުންފުންޏެއް އުފައްދާ ގޮތަށް ބިލުގައި ހިމަނާފައިވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ ނޭނގޭ ގޮތަށް ވައްކަން ނުކުރެވޭނެ ކަމަށާއި ކޮށްފައި ހުރި ވައްކަންތައް މިހާރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެ ވައްކަމުގެ ވާހަކަ އާޒިމް ނުދައްކަވަނީ މައްސަލަ ރީތިކޮށް ހައްލު ކުރައްވަން އުއްމީދު ކުރައްވާތީ ކަމަށައި މަައްސަލަ ހައްލު ނުވާނަމަ ވައްކަމުގެ ވާހަކަ ކިޔައިދޭނެ ކަމަށެވެ. އާޒިމްގެ ވާހަކަފުޅުގައި އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވި ނަމަވެސް ބޮޑަށް ބެލެވެނީ އެމަނިކުފާނުގެ ބަސްތައް އަމާޒު ކުރެއްވީ މިނިސްޓަރު ފައްޔާޒަށް ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރު ފައްޔާޒު ވަނީ ދުވަހަކުވެސް ވައްކަމެއް ނުކުރައްވާނެ ކަމަށާއި ވައްކަން ކުރެއްވިޔަސް “އެބޭފުޅުންނަށް” ނޭނގޭނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!