މުސާރައަށް އަހަރަކު 88،000 ޑޮލަރު ލިބޭ ފަތުރުވެރިންނަށް އައިސްލޭންޑް އަނެއްކާވެސް ހުޅުވާލަނީ!

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އައިސްލޭންޑްގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު ފަތުރުވެރިންނަށް އަލުން އެޤައުމު ހުޅުވާލަން ނިންމައިފިއެވެ.
ނަމަވެސް މިފަހަރު ފަތުރުވެރިންނަށް އެހާވެސް ފަސޭހައިން އެޤައުމަށް ޒިޔާރަތެއް ނުކުރެވެއެވެ. އައިސްލޭންޑް މިފަހަރު ހުޅުވާލަނީ، ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް އެޤައުމުގެ އިޤްތިސާދު ކުރިއަރާނެފަދަ ގޮތަކަށް އެކަންޏެވެ.
އައިސްލޭންޑް ސަރުކާރުން ނިންމާފައިވަނީ، އަލުން އެޤައުމުގެ ބޯޑަރުތައް ހުޅުވޭއިރު، އެޤައުމަށް ޒިޔާރަތް ކުރެވޭނީ ހަމައެކަނި އަހަރަކު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން 88،000 ޑޮލަރު ލިބޭ މީހުންނަށް އެކަނި ކަަމަށެވެ.
މިއީ ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން އެޤައުމުގެ އިޤްތިސާދަށް ކުރިމަތިވި ދަތިހާލަތުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށާއި، އައިސްލޭންޑްގައި ދިގު މުއްދަތަކަށް ދިރިއުޅެންދާ ފަތުރުވެރިންނަށް ވެސް އެހުއްދަ ލިބޭނީ އެމީހެއްގެ އުފަން ޤައުމެއްގައި އެއަދަދަށް ވުރެ މަދުނޫން ފައިސާ މުސާރައިގެ ގޮތުގައި ލިބޭނަމަ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތަށް ދިގު މުއްދަތަކަށް އައިސްލޭންޑަށް ދަތުރުކުރާ ފަތުރުވެރިންނަށް، އެޤައުމުގައި މަޑުކޮށް ވަޒީފާއެއް ހޯދުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެފަތުރުވެރިއަކު އައިސްލޭންޑަށް ދާއިރު އޭނާއަކީ މުސާރައަށް އެންމެ މަދުވެގެން އަހަރަކު 88،000 އެމެރިކާ ޑޮލަރު ލިބޭ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ރިޕޯޓު ތަކުން ބުނެފައިވެއެވެ.
އައިސްލޭންޑަކީ އަބަދުވެސް ދިރިއުޅުން އަގު ބޮޑު ޤައުމެއް ކަމުގައި ގިނަ މީހުން ފާހަގަ ކޮށްފައިވެއެވެ.