ޚަބަރު

ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވިޔަ ނުދިނުމަށް މިހާރުއްސުރެ ސަމާލުކަންދޭން ޖެހޭ: ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ވެންޓިލޭޓަރަށް ވީގޮތް ކޮވިޑް-19ގެ ވެކްސިނަށް ވިޔަ ނުދިމަށް މިހާރުއްސުރެ ސަމާލުކަން ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާ ސުވާލު ކުރައްވާފައެވެ. އެހެންނަމަވެސް ސުވާލުތަކުގެ ޖަވާބު ހެލްތު މިނިސްޓަރ ފޮނުވާފައިވަނީ ލިޔުމުންނެވެ.

މިކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ މިނިސްޓަރ ޖަލްސާއަށް ހާޒިރުވިނަމަ ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން އިތުރު ސުވާލުތައް ކުރެވުނީސް ކަމަށެވެ. އަދި ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ދިމާވާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަދިއަދަށް ދާންދެން ވެސް ވެކްސިނެއް މިކަމާ ގުޅިގެން ގެނެވިފައި އޮތީކީއެއް ނޫން. އެގޮތަށް ވެކްސިންއަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވެގެންދާނެ" ނަޝީދު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ހަތަރު ފަސް މަސް ތެރޭގައި ކޮވިޑް ވެކްސިން ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!