ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން ހުވާކޮށްފި
ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް ހިންގުނު 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ޅ.މާފިލާފުށީގައި ބޭއްވި އެމް.އެން.ޑީ.އެފް ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
މި ރަސްމިއްޔާތުގައި ރައީސް ސާލިހު ވަނީ ބައިވެރިންނަށް ބަޑި ހަވާލުކޮށް ދެއްވާފައެވެ. ސިފައިންނަށް ބަޑި ހަވާލު ކުރައްވާއިރު އަންގަވާ އެންގެވުންތައް އިއްވައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.
މިދިޔަ އޮގަސްޓްމަހުގެ 19ވަނަ ދުވަހު 118 ދަރިވަރުންނާއެކު ފެށި 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ހުވާ ކޮށްފައި ވަނީ 97 ދަރިވަރުންނެވެ. މީގެ ތެރޭގައި 17 އަންހެން ސިފައިންނާއި 80 ފިރިހެން ސިފައިން ހިމެނެއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިމި ބައިވެރިން ދަސްވެނިވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންވިއެވެ.