ޚަބަރު

ރައީސް ޔާމީންގެ ވަކީލު ބައްދަލުވުމަށް ޖަލުން ދިން ލެޕްޓޮޕެއް ބަގް ކުރިކަމުގެ ތުހުމަތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މާފުށީ ޖަލުގައި ބައްދަލު ކުރެއްވިއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ލެޕްޓޮޕެއް ބަގް ކޮށްފައިވާ ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މާފުށީ ޖަލަށް ވަކީލުން ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ދުވަހެއްގައި ކަރެކްޝަންސް އިން ދިން ލެޕްޓޮޕް ބޭނުން ކުރަމުން ދަނިކޮށް އެ ލެޕްޓޮޕުން އެ ބޭފުޅުން ބޭނުން ކުރަމުން ނުދާ ފައިލްތަކެއް ލޯޑްވި ކަމަށެވެ.

އެލެޕްޓޮޕަށް ދިމާވި ކަންކަމުން، ލެޕްޓޮޕް ވަނީ ބަގް ކޮށްފައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

"އޭގެ ސަބަބުން ދައުވާ ރައްދުވާ ފަރާތަށް ދިފާއު ވުމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަށް ހުރަސް އެޅޭ. ރައީސް ޔާމީން ވެސް އެދިވަޑައިގަންނަވަނީ ވަކީލުންނާ އެކު ބައްދަލުވާނެ ގޮތަކަށް" ޑރ.ޖަމީލް ވިދާޅުވިއެވެ.

މިތުހުމަތާ ގުޅިގެން ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތް، ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ކޯޓަށް ހާޒިރުވެވަޑައިގެން ކޯޓުގައި ބައްދަލުވެވޭނެ ކަމަށާއި ކޯޓަށް އަމިއްލަ ލެޕްޓޮޕް ގެނެސް، ފުޅާ މިނެއްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ކޯޓުގައި ބަގްކޮށް އަޑު ރެކޯޑްކުރާނެ އާލާތެއް ނުހުންނާނެ ކަމުގެ ޔަގީން ކަން ވެސް ގާޒީ ދެއްވިއެވެ.

ނަމަވެސް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ އަމިއްލަ ލެޕްޓޮޕާއި އެހެނިހެން އެލެކްޓްރޯނިކް ސާމާނު ވައްދައި ޖަލުގައި މަޝްވަރާ ކުރެވޭނެ ގޮތެއް ހަމަޖެއްސައި ދެއްވުމަށެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ފަހަރަކު ޖަލަށް ވަޑައިގެން ބައްދަލުވާން ޖެހޭނަމަ ވަގުތުތަކެއް ބޭކާރުވެގެން ދިޔުމެވެ.

ރައީސް ޔާމީންގެ މިއެދިލެއްވުމަށް ޖަވާބު ދެއްވަމުން ގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތަށް ހަމަޖައްސައިދެވެން އޮތް އެންމެ ފަހި ފުރުސަތު ހަމަޖައްސައި ދެވިއްޖެ ކަމަށާއި ކޯޓަށް ހާޒިރުވެގެން ކޯޓުގައި ބޭނުން އިރެއް ވަންދެން ވަކީލުންނާ އެކު މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ކޯޓުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ މެންޑޭޓަށް ވަނުމަކީ ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ރިއާޔަތް ކޮށްދެއްވުމަށް ޑރ. ޖަމީލުވެސް މިފަދައިން އެދިވަޑައިގަތުމުން، އެކަމާ ގުޅޭ ގޮތުން ދައުލަތުން ދެކެވަޑައިގަންނަވާ ގޮތަކާ މެދު މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތަށް ދިފާއުވުމަށް ފުރިހަމައަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އަދި ކޯޓުގެ ކޮޓަރިއެއްގައި ބައްދަލުވާ ގޮތަށް ކޮންމެ ފަހަރަކު އޮތުމަކީ އެ ފުރުސަތު އެންމެ ރަނގަޅަށް ލިބުން ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން ވަކީލުންނަށް ޖަލަށް އެލެކްޓްރޯނިކް އާލާތް ވައްދައިގެން ބައްދަލުވުން ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަރެކްޝަންސްގައި އެދޭނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

މިއަަދުގެ އަޑުއެހުމުގައި ބައިވެރިވާން ރައީސް ޔާމީން ކޯޓަށް ހާޒިރުވެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.

Ads by HDC
  1. ސޮމެޮނެ

    ޒީރޯ ޓޮލަރެންސް ގައި ތިޔަކަހަލަ ކަންތަކާ ދިމާވާނެ.