ލައިފްސްޓައިލް

އިސްކުރަކުން އަންނަ ފެނުގައި އަލިފާން ރޯވާ މަންޒަރު ކުރިން ދުށިންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރަށް އާދަޔާ ޚިލާފު މަންޒަރެއް ފެންނަ ވީޑިއޯއެއް ފެންމަތި ވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގެ ގެއެއްގެ ތެރޭގައި ނަގާފައިވާ މިވީޑިއޯ އިން ފެންނަނީ ފެން އިސްކުރެއް ދޫކޮށްލާފައި، ލައިޓަރެއް ކައިރި ކުރުމުން ފެނުގައި އަލިފާން ރޯވާ މަންޒަރެވެ.

ޗައިނާގެ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއްގައި ދައުރުވި މިވީޑިއޯ ހިއްސާ ކޮށްފައި ވަނީ ޕަންޖިން ސިޓީގައި ދިރިއުޅޭ މިސް ވެން ކިޔާ މީހެކެވެ. މިދިޔަ އާދީއްތަ ދުވަހު ޕޯސްޓުކުރި އެވީޑިއޯ މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ވަނީ ހިއްސާ ކޮށްފައެވެ.

ރިޕޯޓުތަކުން ބުނެފައި ވަނީ، އިސްކުރުން އައި ފެނުގައި އަލިފާން ހިފާފައި ވަނީ ފަސޭހައިން އަލިފާން ހިފާފަދަ މާއްދާއެއް އެފެނުގައި އެކުލެވޭތީ ކަމަށެވެ. އަދި މިސަބަބަށްޓަކަައި ފެން ކުންފުނި ވެސް މިހާރު ވަނީ ބަންދު ކޮށްފައެވެ. އެއީ އަމިއްލަ މީހަކު ހިންގި ކުންފުންޏެއް ކަމަށާއި، އެކުންފުނިން ފެން ފޯރުކޮށްދިން އިމާރާތްތަކަށް މިހާރު ފެން ފޯރު ކޮށްދެނީ އެޤައުމުގެ ސަރުކާރުން ކަމަށް ވެސް ބުނެފައި ވެއެވެ.

"އާދައިގެ ފެނަށްވުރެ އަހަރުމެންގެ ގެއިން އައި ފެން ތެޔޮކަން ފާހަގަވި. ލައިޓަރެއް ކައިރިކޮށްގެން ޓެސްޓުކުރީ އެހެންވެ" މިސް ވެން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!